ޚަބަރު

ތައުލީމީ އާ އަހަރުގެ މެސެޖާއެކު ވަޒީރުންނާއި އިސްވެރިން 19 އަތޮޅަކަށް

މާދަމާ ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުމަށް މަރުހަބާ ކިޔައި ދަރިވަރުންނަށް ހިތްވަރުދެއްވުމަށް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގަންނަވަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ތައުލީމަށް ދެއްވާ ހާއްސަ އިސްކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާއެކު ފައްޓަވާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މާދަމާ ބާއްވާ ސުކޫލްތަކުގެ އެސެމްބަލީތަކުގައި ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 19 އަތޮޅުގެ ސުކޫލްތަކަށް ވަޒީރުން ވަޑައިގެން ސުކޫލްތަކުގެ ދަރިވަރުންނާ ބައްދަލުކުރައްވައި އަދި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެންދިއުމާއެކު އާ އަޒުމަކާއެކު އާ އުންމީދުތަކާއެކު މިއަހަރު އިތުރަށް މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް ދަރިވަރުންނަށް ހިތްވަރުދެއްވާނެއެވެ.

އޭގެ އިތުރުން މަދަރުސީ ދައުރަކީ މަސައްކަތުގެ މާހައުލަށް ނުކުތުމުގެ ކުރިން މުސްތަގުބަލަށް އެޅޭ މުހިންމު ބިންގަލެއް ކަމުން، ކުރިއަށްދާނެ ދާއިރާއެއް އިހްތިޔާރުކުރުމުގައި ވިސްނުންތެރިކަމާއެކު ކުރިއަށް ދިއުމަށް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ދަރިވަރުންނަށް ނަސޭހަތްތެރި ވެވަޑައިގަންނަވާނެއ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ މުހިންމު އެއްބައި ކަމަށްވާ ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ވެސް ތައުލީމު ހާސިލުކުރުމުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ މުހިންމުކަމުގެ އިތުރުން ތައުލީމީ މަންހަޖުގެ ތެރޭގައި އިސްލާމީ އަގީދާ ކުރިއެރުވުމާއި މަދަރުސީ ދައުރު ނިމޭ ކޮންމެ ކުއްޖަކީ އެކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގުފަހިކޮށްދީ، ސުކޫލު ނިންމާއިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމުގެ އިތުރުން މުޖުތަމައުގެ ތެރޭގައި ބައިވެރިވުންއޮތް ޒުވާނަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރުން އެސެމްބްލީގައި ދައްކަވާ ވާހަކަފުޅުތަކުގައި އަލިއަޅުއްވާ ލައްވާނެއެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ، ހަރުދަނާ ދިވެހި މުޖުތަމައުއެއް ބިނާކުރުމުގެ ބިންގަލަކީ ރަނގަޅު ތަރުބިއްޔަތަކާއެކު އިސްލާމްދީނުގެ ރިވެތި އުސޫލްތަކާއި ހަމަތަކާއެކުއެކީގައި ތައުލީމު ހާސިލުުކުރުމުގެ މަގު ކޮންމެ ދަރިވަރަކަށް ވެސް ފަހިވެގެންދިއުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައިވެސް ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި މިއަހަރުގެ ދިރާސީ އާ އަހަރު ފެށުމަށް ވެވުނު ތައްޔާރީތަކުގެ ތެރެއިން ސުކޫލުތަކަށް ގާބިލް ޓީޗަރުން ހޯދުމާއި ތައުލީމީ މަންހަޖު މުރާޖައާކުރުމުގެ މަސައްކަތުގެ އިތުރުން ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތްފަންސުރު ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޮނުވުމުގެ މަސައްކަތަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ބަޔާނުގައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސުކޫލް ދަރިވަރުންގެ ކިބައިގައި އަހުލާގީ ރިވެތި ސިފަތައް އަށަގަންނުވައި، އެދަރިވަރުންނަކީ މުޖުތަމައުއަށް ލާބަ އާއި މަންފާ ހޯދައިދޭނެ ހަރުދަނާ ބަޔަކަށް ހެދުމަކީ ވެސް ސަރުކާރުގެ ތައުލީމީ ސިޔާސަތުގައި ހާއްސަ އިސްކަމެއް ދެވިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.

މާދަމަ ދިރާސީ އާ އަހަރުގެ ކިޔެވުން މިފަށަނީ ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި ސަރުކާރުގެ ސްކޫލްތަކުގައި މި އަހަރު ކިޔަވާނީ 73،067 ކުދިންނެވެ. އަދި މާލޭގައި އަލަށް ކިޔަވައިދޭން ފަށާ އިއްޒުއްދީން ސުކޫލާއެކު ޖުމްލަ 212 ސްކޫލެއްގައި މި އަހަރު ކިޔަވައި ދޭނެއެވެ.