ޕާކިސްތާނުގެ ގުއެތާގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި ބަޔަކު މަރުވުމާއި ގުޅިގެން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަހްދޫމް ޝާހް މަހްމޫދު ގުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރު ޝާހިދުގެ މެސެޖުގައި، ގުއެތާގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން މިސްކިތުގައި އެވަގުތު ތިބި ކުށެއް ނެތް އެތައް ބަޔަކު މަރުވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލަކާއި ދެކޮޅުކަން ހާމަކުރައްވައި، މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާ ވަނީ ކުށްވެރި ކުރައްވައިފައެވެ.
އޭގެ އިތުުރން ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައުއާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދުގެ މެސެޖުގައި ވަނީ ދެއްވައިފައެވެ. އަދި ޕާކިސްތާނަށް ދިމާވެފައިވާ ހިތާމައިގެ ދަނޑިވަޅުގައި ރާއްޖެއިން ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއި އެކުގައިވާ ކަމަށާއި އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށް މިނިސްޓަރ ޝާހިދު މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޕާކިސްތާނުގެ ގުއެތާގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާގައި މިސްކިތުގެ އިމާމާއި ފުލުހަކާއެކު 15 މީހުން ވަނީ މަރުވެފައެވެ. އަދި އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިހާރު ނަގައިފައެވެ.