ޚަބަރު

ކުޅުދުއްފުށި ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލައިފި

މުހައްމަދު ޝަހީމް

ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީި ސިޓީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ(ފިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ޕްރައިމަރީގައި ބައިވެރިވުމަށް ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށާއި އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޓީގެ ހަ ދާއިރާ އިއުލާންކޮށް، ސިޓީ ކައުންސިލުގައި އަންހެނުންނަށް ހާއްސަކުރާ ދެ ދާއިރާ ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން ކުޅުދުއްފުށި ބަހާލާފައިވާ ހަ ދާއިރާއަކީ ކުޅުދުއްފުށި އުތުރު ދާއިރާ، ހުޅަނގު އުތުރު، މެދު އުތުރު ދާއިރާ، މެދު ދެކުނު ދާއިރާ، ހުޅަނގު ދެކުނު ދާއިރާ އަދި އިރު ދެކުނު ދާއިރާއެވެ. ގުރުއަތުން އަންހެނުންނަށް ހާއްސަކުރި ދެ ދާއިރާއަކީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާއެވެ.

ކުޅުދުއްފުށީގެ ރައްޔިތުން މޭޔަރު ހޮވުމަށާއި، ހަ ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓު ދޭން ޖެހޭނެއެވެ. އޭގެ އިތުރުން ކުޅުދުއްފުށި ހިމެނޭ އިދާރީ ދާއިރާ، ހދ. އަތޮޅު ކައުންސިލުގެ ރައީސް ކަމަށް ވެސް އެ ސިޓީގެ ރައްޔިތުން ވޯޓު ދޭން ޖެހޭނެއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި އަންހެނުންނަށް ހާއްސަ ގޮނޑިތައް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފައެވެ.