ޚަބަރު

މުފްތީ ރާއްޖެ ވަޑައިގެން ދެއްވާ ފުރަތަމަ ދަރުސް އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި

މުހައްމަދު ޝަހީމް

މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކު ރާއްޖެ ވަޑައިގެން ދެއްވާ ފުރަތަމަ ދަރުސް އަންނަ އަންގާރަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޒިމްބާބުވޭއަށް އުފަން މުފްތީ މެންކު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އިން 18 އަށެވެ. އަދި މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މާލޭގައި ބާއްވާ ދަރުސް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8:15 ގައި މާލޭގެ ކާނިވާ ސަރަހައްދުގައި ކަމަށެވެ. ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ 8:15 ގައި އައްޑޫ ސިޓީ، ނޫރާނީ ސުކޫލުގައެވެ.

ކުޅުދުއްފުށި ސިޓީ ގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގައެވެ. އެ ރޭ 8:15 ގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައެވެ. މިއީ ކުޅުދުއްފުށި ސިޓީ އަކަށް ބަދަލުވި ފަހުން އެރަށުގައި ބާއްވާ ފުރަތަމަ ބޮޑު ދަރުހެވެ.

އޭގެ އިތުރުން ޒުވާނުންނަށާއި ދީނީ އިލްމުވެރިންނަށް ހާއްސަ ދީނީ ޕްރޮގްރާމްތަކެއް ވެސް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މުފްތީ މެންކު މީގެ ކުރިން ވެސް ރާއްޖެއަށް ވަޑައިގެން ދީނީ ދަރުސްތަކެއް ދެއްވާފައިވެއެވެ. އެންމެ ފަހުން މުފްތީ މެންކު ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.