ޚަބަރު

ކުޅުދުއްފުށީގެ ދާއިރާތަކަށް ޝަކުވާ ހުށަހެޅުމަށާއި ދާއިރާތަކުގެ ނަންތަކަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓު އާންމުކޮށް، އެ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ، ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 9:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިީޓ މެދުވެރިކޮށް އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) އިންނެވެ. އަދި އިލެކްޝަން ކޮމިޝަންގެ އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެއެވެ.

އޭގެ އިތުރުން ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށްފަހު އިންތިހާބީ ދާއިރާތަކުގެ ނަންތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް މިރޭ 9:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، އެ ކޮމިޝަންގެ އީމެއިލް، ޓުވިޓަރު، ފޭސްބުކް މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޓީގެ ހަ ދާއިރާ އިއުލާންކޮށް، ސިޓީ ކައުންސިލުގައި އަންހެނުންނަށް ހާއްސަކުރާ ދެ ދާއިރާ ކަނޑައަޅައިފިއެވެ.

އެގޮތުން ކުޅުދުއްފުށި ބަހާލާފައިވާ ހަ ދާއިރާއަކީ ކުޅުދުއްފުށި އުތުރު ދާއިރާ، ހުޅަނގު އުތުރު، މެދު އުތުރު ދާއިރާ، މެދު ދެކުނު ދާއިރާ، ހުޅަނގު ދެކުނު ދާއިރާ އަދި އިރު ދެކުނު ދާއިރާއެވެ. ގުރުއަތުން އަންހެނުންނަށް ހާއްސަކުރި ދެ ދާއިރާއަކީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާއެވެ.

ކުޅުދުއްފުށީގެ ރައްޔިތުން މޭޔަރު ހޮވުމަށާއި، ހަ ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓު ދޭން ޖެހޭނެއެވެ. އޭގެ އިތުރުން ކުޅުދުއްފުށި ހިމެނޭ އިދާރީ ދާއިރާ، ހދ. އަތޮޅު ކައުންސިލުގެ ރައީސް ކަމަށް ވެސް އެ ސިޓީގެ ރައްޔިތުން ވޯޓު ދޭން ޖެހޭނެއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި، އަންހެނުންނަށް ހާއްސަ ގޮނޑިތައް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.