އޮމާންގެ ރަސްގެފާނު، ސުލްތާން ގަބޫސް ބިން ސާއިދް އަލް ސާއިދަކީ ގަލްފު ސަރަހައްދަށާއި ދުނިޔެއަށް ސުލްހަ ގެނައުމަށް މުހިންމު ދައުރެއް އަދާކުރެއްވި ލީޑަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރަސްކަމަށް 1970 ގައި އައްޔަން ކުރެއްވި އަދި އޮމާނުގައި މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ވެރިކަން ކުރެއްވި ސުލްތާން ގަބޫސް، 79 އަވަހާރަވީ ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިއްޔެގެ ވަގުތެއްގައެވެ.
ސުލްތާން ގަބޫސްއަށް ހެޔޮ ދުއާ ކުރައްވައި ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުލްތާން ގަބޫސް އަވަހާރަވި ހަބަރު އެއްސެއްވީ ފުން ހިތާމައާއެކުގައި ކަމަށެވެ.
ސުލްތާން ގަބޫސްއަކީ އޮމާން އަށް ތަރައްގީ އާއި ފާގަތިކަން ގެނެސްދިނުމުގެ އިތުރުން ގަލްފު ސަރަހައްދަށާއި މުޅި ދުނިޔޭގެ ސުލްހައަށް މުހިންމު ދައުރެއް އަދާކުރެއްވި އިހްތިރާމް ލިބިވަޑައިގެންފައިވާ ވިޝަނަރީ ލީޑަރެއް ކަމަށް ވެސް ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ސުލްތާން ގަބޫސް އަވަހާރަވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުލްތާން ގަބޫސް އަކީ ރާއްޖޭގެ ހަގީގީ އެކުވެރިއެއް ކަމަށާއި އެއީ ވިޝަނަރީ އަދި އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.
މެދު އިރުމަތީގައި ވެސް އެންމެ ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ސުލްތާން ގަބޫސް އަވަހާރަވުމާއި ގުޅިގެން އެގައުމުގައި ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް ވަނީ އިއުލާންކޮށްފައެވެ. އަދި 40 ދުވަސް ވަންދެން އެ ގައުމުގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ.
ސުލްތާން ގަބޫސްގެ އެއްވެސް ދަރިކަލެއް ނެތްއިރު އޭނާއަށްފަހު އޮމާންގެ ރަސްކަމާ ހަވާލުވާނެ ބޭފުޅަކު ވެސް އިއުލާން ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ވެރިކަންކުރާ އާއިލާގެ ކައުންސިލުން އޮމާންގެ ރަސްކަމަށް ގެންނަން މިހާރު ނިންމާފައިވަނީ ސުލްތާން ގަބޫސްގެ ދެބެންގެ ދެދަރި ހައިތަމް ބިން ތާރިގު އަލް ސާއިދުއެވެ.