ޚަބަރު

ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލައި، ސަރުކާރުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރަމުން: އިދިކޮޅު

މަރިޔަމް ޝަހުދާ

އިންތިހާބާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި ސަރުކާރުގެ ފައިސާ އާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރުން ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން އެގޮތަށް ގޮވާލާފައިވަނީ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު "އެޖެންޑާ 19" ޕްރޮމޯޓް ކުރުމަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އިދިކޮޅުން ބުނީ، މި ސަރުކާރަކީ ނުފުއްދޭ ވައުދުތައް ވަމުންދާ ސަރުކާރެއްކަން ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އަނެއްކާވެސް ގިނަ ހުވަފެންތަކެއް ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.

"ރައީސް ޔާމީނަށް ތާއީދު ކުރައްވާ މިކޯލިޝަންގެ މެންބަރުންނާއި ދިވެހި ގައުމުދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް އެމްޑީޕީން ދައްކަމުންދާ ހުވަފެންތަކާއި ދަޅތަކަށް ނުހެއްލުމަށް މިކޯލިޝަނުން އިލްތިމާސްކުރަމެވެ. އަދި މިޕާޓީއަށް ތާއީދު ކުރައްވާ ފަރާތްތަކުން މިފަދަ ކަންކަމުގައި ބައިވެރި ނުވުން އެދެމެވެ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުން ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެން ނޫނީ މިގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތެއް ނުކުރެވޭނެއެވެ.

އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އޮޅުވާލުމަށް ކުރަމުންޑާ މަސައްކަތް ހުއްޓާލުމަށާއި އަދި ސަރުކާރާރުގެ ފައިސާ އާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރުން ހުއްޓާލުމަށް އިދިކޮޅުގެ ނޫސް ބަޔާނުގައި ގޮވާލައިފައިވެއެވެ.