މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭގޮތުން އެ ކޯޓުން ގޮތެއް ނުނިންމާ ގިނަ ދުވަސްތަކެއް ވަމުންދާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުން އެމަނިކުފާނު ޖަލުން ދޫކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ހައިކޯޓުން ބަލައިގެންނަމަވެސް، ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ޔާމީންގެ މެސެޖު ހިއްސާކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވަނީ ތަފާތުކުރުމެއް ނެތި އެމަނިކުފާނަށް ވެސް ކަފާލާތުގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ ކަމަށެވެ. އަދި ދޮޅުމަސްވީއިރު ކޯޓުން ކަފާލާތާމެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދައިފައެވެ.
"ގާނޫނީ ހައްގު ކަށަވަރުކޮށްދީ ލަސްނުކޮށް އިންސާފު ލިބުމަކީ ޖުޑީޝަރީ އިސްލާހުވުން،" ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ފަސް އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރަން ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.