ޚަބަރު

މިދިޔަ އަހަރު 11 ޕާކިން ޒޯނެއް އަލަށް ހެދި، އާ ޒޯނެއް މެރީ ބްރައުން ކުރިމަތީގައި ހަދަނީ

އާނިފާ ހުސެއިން ސިރާޖް

މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 11 ޕާކިން ޒޯނެއް މާލޭގެ އެކި ހިސާބުގައި ހަދާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ އެ ޕާކިން ޒޯންތަކަކީ 80 އާއި 400 ދެމެދުގެ ވެހިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯންތަކެއް ކަމަށެވެ. އަދި ކުރިއަށް ވެސް އެފަދަ ބައިވަރު ޕާކިން ޒޯންތައް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ 12 ވަނަ ޕާކިން ޒޯނެއް މެރީ ބުރައުން ކުރިމަތީގައި ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެތަނުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިންމާލާފައިވާ ކަމަށެވެ.

ފުލުހުން މިއަދު އާންމުކުރި ޓްރެފިކް މައްސަލަތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ޖެހި ސްޓިކާގެ އަދަދު ޖުމްލަ 36،963 އަށް އަރައެވެ. ގިނަ ބަޔަކު ދަނީ ސްޓިކާގެ ކަންތަކާމެދު ނުރުހުން ފާޅުކޮށް ސްޓިކާ ޖެހުމުގެ ކަންކަން ހައްދުފަހަނައަޅާފައިވާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ. އަދި ސްޓިކާ ޖަހަނީ ޕާކުކުރާނެ ޖާގަ ނުދައްކާ ކަމަށާއި އެއީ ދައުލަތަށް އާމްދަނީ ހޯދުމަށްކުރާ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ޕާކިން ޒޯނުތައް ވަނީ ކަނޑައެޅިފައި ކަމަށާއި ފުލުހުން އުޅަނދު ފަހަރުގައި ސްޓިކާ ޖަހަމުން ގެންދަނީ ގަވައިދާ ހިލާފަށް ރައްޔިތުންނަށް ދަތިވާ ގޮތަށް ޕާކު ކޮށްފައި ހުންނަަ އުޅަނދު ފަހަރުގައި ކަމަށެވެ.

މާލޭގައި މަހެއްގެ މައްޗަށް އެތައް ސައިކަލެއް ރަޖިސްޓްރީކުރާއިރު، މާލޭގައި އިތުރަށް ވެހިކަލް ޕާކުކުރާނެ ޖާގަ ނެތް ކަމަށާއި މާލެއަށް އެތެރެކުރާ ވެހިކަލްތަކަށް ހައްލެއް ހޯދަންޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނަމަވެސް މިނިސްޓަރު ނަހުލާ ވިދާޅުވާ ގޮތުގައި މާލޭގެ ވެހިކަލްތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި އިތުރަށް ވެހިކަލް އެތެރެކުރުން ހުއްޓުވައި އެކަން ކޮންޓްރޯލު ކުރެވޭނީ ޕަބްލިކް ޓްރާންސްޕޯޓް އިތުރު ކުރެވިގެންނެވެ. އެގޮތުން މިނީބަސް ތައާރަފްކޮށް ޕަބްލިކް ޓްރާންސްޕޯޓް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.