ޚަބަރު

ޓްރެފިކް ފުލުހުންގެ މަސައްކަތް ލުއިކުރަން އަންނަ ހަފުތާގައި މަޝްވަރާކުރާނަން: ސީޕީ ހަމީދު

އާނިފާ ހުސެއިން ސިރާޖް

ޓްރެފިކު ގަވާއިދުތައް ތަންފީޒުކުރުމަށް ޓްރެފިކް ފުލުހުން އަދާކުރަންޖެހޭ ބުރަ ކުޑަކޮށް، އެމީހުންގެ މަސައްކަތްތައް ލުއިކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ޓްރެފިކް މައްސަލަތަކުގައި މިދިޔަ އަހަރު ފިޔަވަޅު އެޅުނުގޮތުގެ ތަފްސީލު ރިޕޯޓު ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ސީޕީ ހަމީދު ވިދާޅުވީ ޓްރެފިކް ގަވާއިދުތައް ތަންފިޒުކުރުމަށް ގިނަ އަދަދެއްގެ އޮފިސަރުންނާއި ވަގުތު ބޭނުންވާ ކަމަށާއި އެކަންކަމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

އެގޮތުން ޓްރެފިކް ފުލުހުން އުފުލަމުންދާ ބުރަ ކުޑަކޮށް، އެމީހުންގެ މަސައްކަތް ލުކޮށްދިނުމަށް އަންނަ ހަފުތާގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަަމަށް ހަމީދު އިތުރަށް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އެޅުނު ގޮތުގައ ތަފާސްހިސާބުތަކަށް ބަލާއިރު ތަފާތު އެކި މައްސަލަތަކުގައި ޖުމްލަ 69،552 މީހަކަށް އެއް އަހަރު ތެރޭގައި ފުލުހުން ވަނީ ފިޔަވަޅު އަޅައިފައެވެ. އޭގެ ތެރެއިން އެންމެ ގިނައީ ގަވާއިދާ ހިލާފުވެގެން ސްޓިކާ ޖެހުމުގެ މައްސަލައެވެ. މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 36،963 ވެހިކަލެއްގައި ވަޔަލޭޝަން ސްޓިކާ ޖަހާފައިވެއެވެ.