ޚަބަރު

މިދިޔަ އަހަރު ނިމުނު އިރު 36،900 އަށްވުރެ ގިނަ ސްޓިކާ ޖަހާފައިވޭ!

އާނިފާ ހުސެއިން ސިރާޖް

މިދިޔަ އަހަރު ނިމުނު އިރު އެއްގަމު އުޅަނދުތަކުގައި 36،900 އަށްވުރެ ގިނަ ވަޔަލޭޝަން ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކުރި މިދިޔަ އަހަރުގެ ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އެޅުނު ގޮތުގެ ތަފްސީލުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ގަވައިދާ ހިލާފުވުމުގެ ސަބަބުން އެއްގަމު އުޅަނދުގައި ޖެހި ވަޔަލޭޝަން ސްޓިކާގެ އަދަދު ޖުމްލަ 36،963 އަށް އަރައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ނުވަތަ ވަގުތީ ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވި 2857 މީހަކަށް ވަނީ ފިޔަވަޅު އަޅައިފައެވެ. އަދި ރޯޑްވާދިނަސް ނުހައްދައި ނޫނީ މުއްދަތު ހަމަވެފައިވަނިކޮށް ދުއްވުން ނުވަތަ އުޅަނދުގައި ރޯޑްވާދިނަސް ސްޓިކާ ނެތި ދުއްވި 2050 މީހަކާއި، އަހަރީ ފީ ނުދައްކާ ނުވަތަ އަހަރީ ފީގެ މުއްދަތު ހަމަވެފައިވާ އުޅަނދު ދުއްވި 2684 މީހަކަށްވެސް ވަނީ ފިޔަވަޅު އަޅައިފައެވެ.

ފުލުހުން ބުނީ އެ މުއްދަތުގެ ތެރޭގައި އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވި 7589 މީހަކަށް އަދި ކަނޑައަޅާފައިވާ މިންވަރަށްވުރެ ބާރަށް ދުއްވުމުގެ 2124 މައްސަލައަކާއި މުއާސަލާތީ ވަސީލަތެއް ބޭނުންކުރަމުން އުޅަނދު ދުއްވި 1875 މީހަކަށް ވަނީ ފިޔަވަޅު އަޅާފައި ކަމަށެވެ.

ލައިސަންސް ލިބިފައިވާ މީހާ ދުއްވި އިރު އަތުގައި ލައިސަންސް ނެތި ދުއްވުމުގެ 1704 މައްސަލައާއި، ތާޑް ޕާޓީ އިންޝުއަރެންސް ނުކޮށް ނުވަތަ އިންޝުއަރެންސް ސްޓިކާ އުޅަނދުގައި ނެތި ދުއްވި 1861 މީހަކާ މެދު ވެސް ފުލުހުން މިދިޔަ އަހަރު ފިޔަވަޅު އެޅިއެވެ.

އޭގެ އިތުރުން ގަވައިދާ ހިލާފަށް ޓެކްސީގެ ހިދުމަތް ދިން 30 މީހަަކަށް ފުލުހުން ފިޔަވަޅު އަޅާފައިވާ އިރު، ޓެކްސީގެ ގޮތުގައި ހިދުމަތްދޭ އުޅަނދުގައި ހުންނަންޖެހޭ ސިފަތަކާއި ވަސީލަތްތައް ނެތި ޓެކްސީގެ ހިދުމަތް ދިން ހަ މީހަކަށްވެސް ފުލުހުން ވަނީ ފިޔަވަޅު އަޅައިފައެވެ. އަދި ޓެކްސީ ޑްރައިވަރު ކަމުގެ ލައިސަންސް ނެތި ޓެކްސީގެ ހިދުމަތް ދިނުމުގެ 112 މައްސަލައަކާއި ޓެކްސީއެއްގައި ހުންނަންޖެހޭ ހުއްދަނެތި ޓެކްސީ ކުރުމުގެ 45 މައްސަލަ ރިކޯޑު ކުރެވި ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން ބުނީ ޓެކްސީ ހިދުމަތްދިނުމުގައި ކަނޑައަޅާފައި އަދަދަށްވުރެ އިތުރަށް 24 މީހަކު ފައިސާ ނަގާފައިވާ ކަމަށާއި އަދި އެމީހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ހެލްމެޓު ނާޅާ (ބުރިޖުގައި) ސައިކަލު ދުއްވުމުގެ 118 މައްސަލަ އާއި ގަވާއިދާ ހިލާފު ހެލްމެޓު ބޭނުންކުރުމުގެ 1219 މައްސަލަ މިދިޔަ އަހަރު ބަލައި އެމީހުންނާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން ބުނީ ޓްރެފިކް ނިޝާންތަކާ ހިލާފުވި 987 މީހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި އަދި އެކްސިޑެންޓުވުމުން އަންގަންޖެހޭ ފަރާތަށް ނާންގައި ދިޔަ 23 މައްސަލައަކަށްވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 2840 ވެހިކަލް ވަނީ ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޖެހި ސްޓިކާގެ އަދަދު 36،963 އަށް އަރާ އިރު، ގިނަ ބަޔަކު ދަނީ ސްޓިކާގެ ކަންތަކާ މެދު ނުރުހުން ފާޅުކޮށް ސްޓިކާ ޖެހުމުގެ ކަންކަން ހައްދުފަހަނަ އަޅާފައިވާ ކަމަށްބުނެ ފާޑުކިޔަމުންނެވެ. އަދި ސްޓިކާ ޖަހަނީ ޕާކުކުރާނެ ޖާގަ ނުދައްކާ ކަމަށާއި އެއީ ދައުލަތަށް އާމްދަނީ ހޯދުމަށް ކުރާ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.