ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ދިރާސާ ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ ދުރު ރާސްތާ މަޝްރޫއެއް ކަމަށެވެ.
ރާއްޖޭގެ ކަނޑުފަޅުތަކުގައި އެ ދިރާސާ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ކަނޑުފަޅުގެ މާހައުލާއި، އެ މާހައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާ އެކުގައިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ދިރާސާގައި އެއްކުރެވޭ މައުލޫމާތުގެ ޒަރިއްޔާއިން ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި އެ މައުލޫމާތު ބޭނުންކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދިރާސާގެ އެންމެ ފުރަތަމަ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވެއިޓް އިންސްޓިޓިއުޓްގެ އިތުރުން ސްކްރިޕްސް އިންސްޓިޓިއުޓް ފޮ އޯޝަނޯގްރަފީގެ ސޭންޑިން ލެބާއި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަންނީ ބޭފުޅުންގެ އިތުރުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ސައިންސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ބުނީ 26 ދުވަހުގެ އެދަތުރުގައި ރާއްޖޭގެ އުތުރާއި ދެކުނުގައިވާ ފަރުތަކުގެ ހާލަތު ބަލައި، މަހުގެ އާބާދީ ވަޒަންކުރުން ފަދަ މުހިންމު މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މައުލޫމާތު އެއްކުރުމަށް ސްކޫބާ ޑައިވް ކޮށްގެން ސާމްޕަލް ނެގުމާއި، ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެތެރެވަރީގެ މާހައުލާއި އެތަނުގައިވާ މައުދަންތަކުގެ އެކުލެވުން ވަޒަންކުރުމަށް ކެމެރާ ބޭނުންކުރެވޭނެ ކަމަށެވެ.
އެ ދިރާސާގެ ސަބަބުން ކުރިއަށްއޮތްތަނުގައި ރާއްޖޭގެ މަސްވެރިކަމާބެހޭ ސިޔާސަތު އެކުލަވާލުމާއި، ކަނޑުތަކުގެ ދިރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އެފަދަ ކަންކަމުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެއެވެ. އަދި ސިޔާސަތު ކަނޑައެޅުމުގެ ތެރެއިން ތިމާވެށި ހިމާޔަތްކުރުމާއި ކަނޑުރޯދިން ލިބޭ މަންފާ އިތުރުކުރުމަށް ފަސޭހަވެގެންދާނެއެވެ.