އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ސިޓީއަށް އަންހެން މެމްބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުމާއި، އަންހެނުންނަށް ހާއްސަ ދާއިރާތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތު ނެގުން މިރޭގެ 9:00 ގައި އޮންނާނެ ކަަމަށެވެ.
އިލެކްޝަންސް އިން ބުނީ ގުރުއަތުނެގުން އޮންނާނީ ހދ.އަތޮޅު ތައުލީމީ މަރުކަޒު ހޯލުގައި ކަމަށެވެ.
ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.
އެގޮތުން މާލެ ސިޓީގެ ޖުމްލަ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކޮށްފައިވާ އިރު، އައްޑޫގެ ޖުމްލަ 12 ދާއިރާގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވަނީ ހަތަރު ދާއިރާއެކެވެ. އަދި ފުވައްމުލަކުގެ ޖުމްލަ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއްގެ ގޮނޑި އަންހެނުންނަށް ހާއްސަކޮށް، ވަނީ އިއުލާންކޮށްފައެވެ.
އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.