ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ މީހުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
އެމްޑީޕީން ބުނީ، މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 9:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު ހަވީރު 6:00 އަށެވެ.
ޝަކުވާތަކަށް ބެލުމަށްފަހު ފައިނަލް ވޯޓާސް ލިސްޓު އާންމު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ މީހުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލާފައިވަނީ ވެސް މިއަދުގެ ނިޔަލަށެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހު ކެންޑިޑޭޓުންގެ ލިސްޓު އާންމުކުރާނެއެވެ.
އެގޮތުން މިހާތަނަށް އެންމެ ވާދަވެރިކަން ބޮޑުވެފައިވާ އެއް މަގާމަކީ މާލޭ މޭޔަރުގެ މަގާމެވެ. އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ވަނީ އިއުލާން ކުރައްވައިފައެވެ. އެގޮތުން މާލެ ސިޓީ މޭޔަރު ކަމުގައި މިހާރު ހުންނެވި ޝިިފާ މުހައްމަދާއި މާލެ ސިޓީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފު އަދި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ނިޔާޒުގެ އިތުރުން އެމްޑީޕީގެ ސެކްރެޓްރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ހިމެނެއެވެ. އޭގެ އިތުރުން މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވެސް ދާދި ފަހުން ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާއިރު ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ.
އޭގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ހާއްސަކޮށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ފާސްކުރުމުން، މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި މުވައްމުލަކު ސިޓީ ކައުންސިލުތަކުން އަންހެން މެންބަރުން އިންތިހާބު ކުރަން ޖެހޭނެ ދާއިރާތައް ގުރުއަތުން އީސީން ހޮވައި، އެ ދާއިރާތައް ވަނީ އިއުލާންކޮށްފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އަންހެން މެމްބަރުންނަށް ހާއްސަކުރާ ދާއިރާތައް ކަށަވަރުވާނީ މިރޭ ނަގާ ގުރުއަތަށްފަހުއެވެ.