ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ދެ ބިދޭސީން ފެނިއްޖެއެވެ،
އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ދެ ބިދޭސީންނަކީ ހެލެނގެލި އައިލެންޑް ރިސޯޓުގެ އުތުރުން ފަޅު ހިއްކައިގެން ތަރައްގީކުރާ ކ. މާފަޅުގައި މަސައްކަތްކުރާ ދެ ބިދޭސީން ކަމަށެވެ.
މާފަޅުގައި މަސައްކަތްކުރާ ދެ ބިދޭސީ ފިރިހެނުން ޑައިވިންއަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު ފަހު 2:35ގައި ކަމަށާއި ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން މަސައްކަތްކުރަމުންގެންދިޔަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނީ އެމީހުން ފެނުނީ ހަލަނގެލި ރިސޯޓުގެ ސްޕީޑު ބޯޓަށް ކަމަށާއި އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މިމަހުގެ ތެރޭގައި ދެ ހާދިސާއެއްގައި ދެ މީހަކު ވަނީ ގެއްލިފައެވެ. އެ ދެމީހުން ހޯދުމަށް އެމްއެންޑީއެފުން އޮޕަރޭޝަންތަކެއް ކުރިއަށްގެންދިޔަ ނަމަވެސް، އެމީހުން އަދި ފެނިފައެއް ނުވެއެވެ.
އޭގެ ތެރެއިން އެއް ހާދިސާއެއްގައި ހޯދަމުންދިޔައީ ބ. ދޮންފަނު ކައިރިން ބ. އޭދަފުށީ ލޯންޗަކާއި އެއަތޮޅު ދަރަވަންދޫން ފުރައިގެން ދަތުރުކުރަމުންދިޔަ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓަކަށްފަހު ގެއްލުނު ބ. އޭދަފުށީ، މުސްތަރީގެ ނަސްރުﷲ އަބްދުﷲ، 41 އ. އެވެ.
އެމްއެންޑީއެފުން ހޯދަމުންދިޔަ ދެވަނަ މީހަކީ ކ. ކަގި ކައިރިއަށް ފަރަށް އެރި މުދާ އުފުލާ "ޓީޓީއެސް ފާން" ނަމަކަށް ކިޔާ ދޯނިން ގެއްލުނު ކައްޕި ހދ. ކުޅުދުއްފުށީ، ހަވީރީ ނާޒު، މުހައްމަދު ޔޫސުފް، 37 އ. އެވެ. އެ ދޯނި ފަރަށް އެރި އިރު ތިބީ އޭނާ އާއި ދެ ބިދޭސީއެކެވެ.