ޚަބަރު

މާފުށި ސަރަހައްދުން ސާފާރީތައް ބޭރުކުރުމަށް އެރަށު ކައުންސިލުން ނެރުނު ނޯޓިސް ބާތިލުކުރަން އަންގައިފި

ކ. މާފުށި ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އެ ސަރަހައްދުން ބޭރަށް ނުގެންގޮސްފި ނަމަ، އެތަކެތި ދައުލަތަށް ނަގާނެ ކަމަށް ބުނެ އެ ރަށު ކައުންސިލުން ނެރުނު ނޯޓިސް ބާތިލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

މާފުށި ކައުންސިލުން މިދިޔަ ބުދަ ދުވަހު ނެރުނު ނޯޓިސްގައި، މާފުށި ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އެ ސަރަހައްދުން ބޭރަށް ގެންދިއުމަށާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ސަރަހައްދުން ނުގެންގޮސް ހުރި ސަފާރީތައް ނަގައި އެތަކެތި ނައްތާލައި ނުވަތަ ނީލަމުގައި ވިއްކާލާނެކަން ވަނީ އަންގައިފައެވެ.

އެލްޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށު ކައުންސިލުގެ އިހުތިސޯސް ކަނޑައެޅުމުގެ ބާރުގެ ދަށުން މިހާތަނަށް އެއްވެސް ކައުންސިލެއްގެ އިހުތިސޯސް ކަނޑައަޅުއްވާފައި ނުވާކަން މާފުށި ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ ނޯޓިސް ބާތިލުކުރުމަށް އަންގާފައިވާނެ ކަމަށް ވެސް އެލްޖީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުމެއްނެތި ދައުލަތަށް ނަގައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިރު، ކަނޑައެޅިފައިވާ ގާނޫނާ އެއްގޮތަށް ޝަރުއީ މަރުހަލާ މެދުވެރިކޮށް ނޫން ގޮތަކަށް، އެއްވެސް މީހެއްގެ މުދަލެއް ނަގައި، އެތަކެތި ނައްތާލައި ނުވަތަ ނީލަމުގައި ވިއްކާލުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އަންގާފައިވާނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ.