ތިލަފުށިގައި މަލްޓި ސްޓޯރީ ވެއާހައުސެއް ތަރައްގީކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި މުދާ ގުދަން ކުރެވޭނެ މަގު މިއަހަރު ނިމުމުގެ ކުރިން ތަނަވަސްކޮށްދެއްވާނެ ކަމަށް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގެ މުދަލުގެ އަގު 25 އިންސައްތައަށް ތިރިކުރެވިގެން ދާނެ ކަމަށެވެ.
"އަޅުގަނޑު ވިޔަފާރިވެރިންނާ ދެކެވުނު ވާހަކައިން މާލޭގެ ފިހާރައެއްގައި ވިއްކަން ހުންނަ ދަތް އުނގުޅާ ބުރުހުގެ އަގު ހަދާއިރުވެސް މަދުވެގެން ތިރީހަކަށް ޕަސެންޓް، ގުދަން ކުރުމުގެ އަގުގެ ގޮތުގައި ހިމެނޭ. މާލޭގެ މުދާ ގުދަން ކުރެވެނީ އަކަފޫޓަކަށް 40 ރުފިޔާ. އަޅުގަނޑުމެން މި ދެނީ ހަ ރުފިޔާ، އަށް ރުފިޔާގެ އަގަކަށް އެ ކުލި މި ތިރިވަނީ. ގިނަ މުދަލުގެ އަގުން 25 ޕަސަންޓާ ހަމައަށް އަގު ތިރި ކުރުމުގެ މަސައްކަތް މި ކުންފުނިން ކުރަމުން މިދަނީ،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އެކަމަކީ މިއަހަރު އެ ކުންފުނިން ހާސިލުކުރަން ބޭނުންވާ އަމާޒެއް ކަމަށެވެ. އަދި 2018 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު އާމްދަނީގެ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ކުންފުންޏަކަށް ޖީއެމްއައިޒެޑް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއަދު ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި ހުރި އެންމެ ބޮޑު ބަޔަކީ ހިންގުމުގެ ހަރަދު ކުޑަކުރެވުމުގެ ސަބަބުން އޭގެ ތެރެއިން ޖަމާކުރެވުނު ފައިސާކަން ފާހަގަކޮށްލަން ބޭނުން." އިބޫ ވިދާޅުވިއެވެ.