ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ޕްރޮގުރާމުގެ ދަށުން، ހއ.ދިއްއޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް އޭގެ ހައްގުވެރިންނަށް ހަވާލުކުރުމަށްޓަކައި ހައުސިން ޔުނިޓުތަކަށް އެދި ހުށަހަޅާފައިވާ ފޯމުތައް އަލުން އިވެލުއޭޓުކޮށް ލިސްޓުތައް އަލުން ތަރުތީބު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެވަނަ ބުރުގައި ދިއްދޫގައި ގާއިމުކޮށްފައިވާ ފުލެޓުތައް ދިނުމުގެ މަސައްކަތް މަޑުޖައްސާލީ ހައުސިން ޔުނިޓުތަކަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު އިއުލާނުކުރުމުން އެ ލިސްޓުގައި މައްސަލަތަކެއް ހުރި ކަމަށް ދިއްދޫގެ ގިނަ ރައްޔިތުންގެ ޝަކުވާތަކެއް މިނިސްޓްރީއާއި އެރަށު ކައުންސިލަށް ލިބިފައި ވާތީއާއި، އޭސީސީގެ ފަރާތުން ހައުސިން ޔުނިޓުތައް ދޫކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތައް ބަލަމުންދާތީ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ފޯމުތައް އަލުން އިވެލުއޭޓް ކުރަން ފަށާފައި ވަނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި އެންޓި ކޮރަޕްޗަން ކޮމިޝަން (އޭސީސީ)ގެ ލަފާގެ މަތިން، އެކަމަށްޓަކައި ދިއްދޫ ކައުންސިލުން އެކުލަވާލާފައިވާ ހާއްސަ ކޮމެޓީއަކުން ކަމަށެވެ. އަދި އެ މަސައްކަތުގައި ހައުސިން މިނިސްޓްރީންވެސް ފަންނީ އެހީތެރިކަން ދެމުން ގެންދާނެ ކަމަށެވެ.
ދިއްދޫގައި ބޯހިޔާވަހިކަން ތަރައްގީކުރުމުގެ ދަށުން އިމާރާތްކޮށްފައިވަނީ ޖުމްލަ 250 ހައުސިން ޔުނިޓެވެ.
އޭގެ ތެރެއިން އެންމެ ފުރަތަމަ ކެޓަގަރީ "އޭ" ގެ 125 ހައުސިން ޔުނިޓާއި ކެޓަގަރީ "ބީ" ގެ ހައުސިން ޔުނިޓަށް އެދުމަށް ހުޅުވާލާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އެ ބުރުގައި ހުޅުވާލުމުން ހައުސިން ޔުނިޓުތައް ހޯދުމަށް އެދި 440 ފަރާތަކުން ފޯމު ހުށަަހަޅާފައިވާ ކަމަށާއި ހައުސިން ޔުނިޓު ލިބުނު 140 މީހުންގެ ތެރެއިން 135 މީހުންނަށް 2018 ވަނަ އަހަރުގެ ޖުލައި މަހު ހައުސިން ޔުނިޓު ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެގޮތުން ކުރިން ހަވާލުނުކޮށް ހުރި ބާކީ 110 ޔުނިޓަށް އެދި ހުށަހެޅުމަށް 2018 ވަނަ އަަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ހައުސިން މިނިސްޓްރީން ބުނީ ދެވަނަ ބުރުގައި ފުލެޓުތައް ދިނުމުގެ މަސައްކަތް މަޑުޖައްސާލާފައިވަނީ 110 ހައުސިން ޔުނިޓަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު އިއުލާނުކުރުމުން އެ ލިސްޓުގައި މައްސަލަތަކެއް ހުރިކަމަށް ދިއްދޫގެ ގިނަ ރައްޔިތުންގެ ޝަކުވާތަކެއް މިނިސްޓްރީއާއި އެރަށު ކައުންސިލަށް ލިބިފައި ވާތީއާއި، އޭސީސީގެ ފަރާތުން ހައުސިން ޔުނިޓުތައް ދޫކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތައް ބަލަމުންދާތީ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ހައުސިން ޔުނިޓު ދޫކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ދިއްދޫ ކައުންސިލުންނާއި ވަރަށް ގިނަ ރައްޔިތުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައި ވާތީ ކަމަށެވެ.
އެގޮތުން މިހާރު މަސައްކަތް ފަށާފައިވަނީ މައްސަލަ ހައްލު ކުރުމަށްޓަކައި އޭޖީ އޮފީހާއި އޭސީސީގެ ލަފާ ހޯދުމަށްފަހު އެ އިދާރާތަކުގެ ލަފާގެ މަތިން ބާކީ ހުރި ހައުސިން ޔުނިޓަށް އެދި ހުޅުވާލާ 30 ޖުލައި 2018 ވަނަ ދުވަހު މިނިސްޓްރީން ކޮށްފައިވާ އިއުލާނު ބާތިލުކުރުމަށްފަހު، 19 އޭޕްރީލް 2015 ވަނަ ދުވަހު ދިއްދޫ ކައުންސިލުން ކޮށްފައިވާ އިއުލާނަށް އިޖާބަދީ ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމުތައް އަލުން ހާލަތަށް ބަލައި، އިވެލުއޭޓުކޮށް، ތަރުތީބުކޮށް ހައުސިން ޔުނިޓު ލިބުން ހައްގުވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ހައުސިން ޔުނިޓު ލިބުން ހައްގުވާ ފަރާތްތަކުގެ ލިސްޓް ފައިނަލް ކުރެވުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ހައުސިން އޭގެ ހައްގުވެރިންނަށް ހަވާލުކުރާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.