ޚަބަރު

ޖަލުތަކުގެ ހާލަތާ ގުޅިގެން ރައީސް ސޯލިހު އެއްޗެއް ވިދާޅުނުވާތީ ކަންބޮޑުވޭ: އިދިކޮޅު

އާނިފާ ހުސެއިން ސިރާޖް

1

ރާއްޖޭގެ ޖަލުތަކުގެ ކަންތައްތައް ގޯހުން ގޯހަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަމާ ދޭތެރޭ އެއްވެސް އެއްޗެއް ވިދާޅުނުވާތީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ދެއްކި ވާހަަތަކުން ރާއްޖޭގައި ޖަލުތަކުގައި ހިނގަމުންދާ ކަންތައްތައް އޮޅުވާލާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި ޖަލުތަކުގެ ކަންކަން އިސްލާހު ކުރުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕްރިޒަންސް މުނާޒު ފެއިލްވާތީ ވަގުތުން އިސްތިއުފާ ދިނުމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ފަސް އަހަރު ދުވަހުގެ ސިޔާސީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނީ، ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން އެކި މުއްސަސާތަކުން ދައްކަމުންދާ ވާހަކަތަކުގައި ދެކޮޅުނުޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަކުރެވުމަކީ އެކަމުގެ ހަގީގަތް ފޮރުވާ އޮޅުވާލަން ކުރާ މަސައްކަތެއް ކަމަށެވެ.

އޭގެ އިތުރުން އަނިޔާވެރިކަމާ ދެކޮޅަށް އެކި ކަހަލަ ޝިއާރު ބޭނުން ކޮށްގެން ވެރިކަމަށް އައިސްފައިވާ މިއަދުގެ ސަރުކާރުން އެފަދަ އަމަލުތައް ހިންގުމަކީ ސަރުކާރުގެ އެއްވެސް ކަހަލަ އިހްލާސްތެރިކަމެއް، ތެދުވެރިކަމެއް ނެތް ކަމާއި ކަނޑައެޅިގެން އަނިޔާވެރިވުން ކަމަށް ވެސް ބަޔާނުގައިވެއެވެ.

އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރިފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ މުނާޒު ވަނީ، މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގައިގާފައިވަނީ ޖަލުގެ ކުޑަ ޔުނިޓެއްގައި ކަމަށާއި އެކަމުން ރައީސް ޔާމީނާއި އެހެން ގައިދީންގެ ރައްކާތެރިކަމަށް ގެއްލުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟