ސުކޫލް ކުދިންނަށް ސުކޫލް ދައުރުގެ ކޮންމެވެސް ހިސާބަކުން ސިފައިންގެ ތެރެއަށް ގެންގޮސް ތަރުބިއްޔަތު ކުރުން މާ ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިހެން ވިދާޅުވީ، މިދިޔަ އަހަރު ހިނގައިދިޔަ ކުށްތަކުގެ އިގްތިސާދީ ގެއްލުން 100 މިލިއަން ރުފިޔާ އިން މަތީގައި އުޅޭ ކަމަށާއި ބަންދުގައި މީހުން ބޭތިއްބުމާއި ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު އިތުރު 400 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާ ގުޅިގެންނެވެ.
ފުލުހުންގެ ރެކްރޫޓް ޓްރެއިނިން ކޯސް ނިންމުމުގެ ގޮތުން ރޭ ދ. ވާނީގައި ބޭއްވި ރަސްމިއްޔާތު މިނިސްޓަރު ވިދާޅުވީ، އެ ހަރަދު ކުރަންޖެހުމަކީ ރާއްޖެ ކަހަލަ ވަސީލަތްތައް މަދު، ކުޑަ ގައުމަކަށް އުފުލޭ ވަރަށްވުރެ ބޮޑު ބުރައެއް ކަމަށެވެ.
އެކަމާ ގުޅިގެން ރީކޯ މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ބަންދުގައި މީހުން ބައިތިއްބައިގެން 400 މިލިއަން ހޭދަނުކޮށް، މުޖުތަމައުގައި ސަލާމަތުން ތިބި ކުދިން ސުކޫލު ދައުރުގެ ކޮންމެވެސް ހިސާބަކުން ސިފައިންގެ ތެރެއަށް ގެންގޮސް ތަރުބިއްޔަތު ކުރުން ކިހިނެތްވާނެތޯ ސުވާލު ކުރައްވައިފައެވެ.
"...ދެން ވެސް ސަލާމަތުން ތިބި ކުދިން ސުކޫލު ދައުރުގެ ކޮންމެވެސް ހިސާބަކުން ސިފައިންގެ ތެރެއަށް ގެންގޮސް ދެ އަހަރެއްހާ ދުވަހު ތަރުބިއްޔަތު ކުރަންވީ ނޫންތޯ. މަސްތުވާތަކެއްޗާ ގާތްވާނަމަ ދުވަހުން ދުވަހަށް ވާނުވާ ބެލޭނެ. ކިޔަވަން ވެސް ދެވޭނެ؟،" ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.
އޭނާ މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ޖަލުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ވެސް އިޝާރާތް ކުރައްވާފައިވެއެވެ.
މޫސަ ވިދާޅުވީ، ޖަލުތަކާބެހޭ ގާނޫނު ތަސްދީގުކުރިއިރު ޖަލުތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮސް ޖަލުތަކުގެ ކަންކަން ބެލުމަށް އޭރުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ލާޒިމުކޮށްފައި އޮންނާނެ ކަމަށެވެ. ނަމަވެސް އެކަން ނުކުރާކަން ފާހަގަކުރައްވާ މޫސަ ވިދާޅުވީ، އެކަން ކުރާނަމަ ވަރަށް ގާތުން ޖަލުތަކުގެ ކަންތައްތައް ބެލޭނެ ކަމަށެވެ.
"ޖަލުތަކާ ބެހޭ ގާނޫނު ތަސްދީގު ކުރި އިރު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ގައުމީ ސަލާމަތު ކޮމެޓީ އަށް ލާޒިމުކޮށްފައި އޮންނާނެ ޖަލުތަކަށް އެމްޕީން ގޮސް ޖަލުގެ ކަންކަން ބެލުމަށް. އެކަން ނުކުރާތީވެސް އޭރުގެ އިދިކޮޅުން 18 ވަނަ މަޖިލީހުގަ މައްސަލަ ޖެއްސި. މިހާރު އެކަން ކުރާނަމަ ވަރަށް ގާތުން ބެލޭނެ." ކަމަށް މޫސަ އިތުރަށް ވިދާޅުވިއެވެ.
މޫސަ އެ އިޝާރާތް ކުރައްވާ މާއްދާއަކީ ރާއްޖޭގެ ޖަލުތަކާބެހޭ ގާނޫނުގައި ޖަލު ހިންގުމާއި އިންސްޕެކްޓު ކުރުމުގެ ބާބުގެ ދަށުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ޖަލުބަލައި ފާސްކުރުމުގެ މާއްދާއަށެވެ.
އެ މާއްދާގައި ބުނެފައިވާ ގޮތުން ޖަލަށް ޒިޔާރާތްކޮށް ޖަލުގެ ކަންތައްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ދާއިމީ ކޮމިޓީތަކާއި ވަގުތީ ކޮމިޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި ޖަލުތަކަށް ޒިޔާރާތްކޮށް އެ މިޖިލީހުގެ ދާއިމީ ކޮމިޓީތަކާއި ވަގުތީ ކޮމިޓީތަކުގެ މެންބަރުންނަށް، ޖަލުގެ ހުރިހާ ތަނަކަށް ވަދެ ބަލައި ފާސްކުރެވޭނެއެވެ.
މިގޮތުން ފާހަގަކުރެވޭ ކަންކަން ރަނގަޅު ކުރުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ލިބިގެންވެއެވެ.
ޖަލުތަކުގެ ހާލަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުބަލާކަން މޫސަ ފާހަގަކުރެއްވިއިރު، މި ހަފްތާގައި މާފުށި ޖަލުގެ ރިމާންޑު ޖަލުގައި ތިބި ބަންދު މީހުން ވަނީ ހަމަނުޖެހުންތަކެއް ހިންގައިފައެވެ. ހަމަނުޖެހުން ހިންގި ސަބަބެއް ކަމަށް ކަރެކްޝަނުން ބުނީ ރިމާންޑުގައި ތިބި މީހުންގެ ބަންދުގެ މުއްދަތު ދިގުވެގެން ދިއުމާއި އެދޭގޮތަކަށް ބޭސްފަރުވާގެ އިންތިޒާމު ކުރިއަށް ނުދިއުމެވެ.