ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން ރިވިއުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އަޑުއެހުން ނިންމާލައިފި އެވެ.
މިއަދުގެ އަޑުއެހުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އެ މައްސަލާ ގުޅިގެން ހުރިހާ އަޑުއެހުންތައް ނިމިފައިވާ ކަމަށާއި ދެން އޮންނާނީ މައްސަލައިގެ އަޑުއެހުން ކަމަށެވެ.
ހިސާން ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާފައިވަނީ އެ މައްސަލައަކީ އަވަސް މައްސަލައެއްގެ ގޮތުގައި ހިނގަން ޖެހޭ މައްސަލައެއް ކަމުގައި ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
"ޝަރީއަތުގެ މަޖިލީހުގައި މައިގަނޑުގޮތެއްގައި މި ދެކެވުނު ވާހަކައަކީ ދައުލަތުގެ މުއައްސަސާއެއް ނުވަތަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މި ހިންގި އަމަލަކީ އޭގެ ޒާތުގައި ދިވެހި ދައުލަތުގެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ޒާތުގެ ކަމަށް ވެގެން ދާނެތޯ ނޫނީ ނޫން ތޯ،" ހިސާން ވިދާޅުވިއެވެ.