ޗައިނާއިން ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރާ ލޮލުގެ ފަރުވާދޭ ހާއްސަ ސެންޓަރު ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.
ލޮލުގެ ފަރުވާދޭ ސެންޓަރުގެ މެޑިކަލް ޓީމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ ޑރ. ޗެން ވެއިރޮންގްއާ ހަވާލާދީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ކުރެއްވި ޓުވީޓެއްގައި ޑރ. ލޮލުގެ ފަރުވާދޭ ސެންޓަރު އިއްޔެ ނުރަސްމީކޮށް ހުޅުވައި ބަލި މީހުން ބަލަން ފަށާފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ އެކަނިވެސް ޖުމްލަ 30 ލޮލުގެ ސާޖަރީ ކޮށްފައިވާ ކަމަށާއި ހުރިހާ ސާޖަރީތައް ވެސް ވަރަށް ކާމިޔާބު ކަމަށް ސަފީރު ވިދާޅުވިއެވެ.
ޑރ. ޗެންއަކީ ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގައި 30 އަހަރު ހޭދަކުރައްވާފައިވާ ތަޖުރިބާކާރެކެވެ.
ޗައިނާގެ ހިލޭ އެހީގެ ދަށުން ގާއިމުކުރި ލޮލުގެ ފަރުވާދޭ ސެންޓަރަކީ ރާއްޖޭގައި ގާއިމުކުރާ އެފަދަ ފުރަތަމަ ސެންޓަރެވެ. އަދި އެތަނުން ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދޭނެއެވެ. އެގޮތުން ލޯ ފުސްވުން، ގުލުކޯމާ، އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ މައްސަލަތަކަށް އެ މަރުކަޒުން ފަރުވާ ކުރާނެ ކަމަށް ސަފީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ދެމުންދާ ލޮލުގެ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖެއިން ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ޗައިނާގެ އެހީގައި ލޮލުގެ ފަރުވާދޭ މަރުކަޒެއް ގާއިމުކުރަން ނިންމާފައިވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ. އޭގެ އިތުރުން ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަަމްރީނުތައް ޗައިނާގައި ދިނުމަށް ވެސް އެއްބަސްވެފައިވެއެވެ.