ސިފައިންގެ ވެހިކަލެއް މަތީގައި ބިދޭސީއަކު އިށީނދެ އިންދާ ނަގާފައިވާ ފޮޓޯއަކީ 2016 ވަނަ އަހަރުގެ ފޮޓޯއެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ޕާކުކޮށްފައި އޮތް ސިފައިންގެ ޖިޕެއްގެ ހުޑު މަތީގައި ބިދޭސީއަކު އިށީނދެ އިންދާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ، އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، އެ ފޮޓޯގަނޑަކީ ލ. ފުނަދޫގައި 2016 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް އެމްއެންޑީއެފްގެ ފޯސް ޕްރޮޓެކްޝަންގެ އާ ނިޒާމުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިފައިންގެ ވެހިކަލެއްގެ މަތީގައި ބިދޭސީއަކު އިށީނދެ އިންދާ ނަގާފައިވާ ފޮޓޯއަކާ ގުޅިގެން ތަފާތު ވާހަކަތައް ދައްކަމުން އަންނައިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބިދޭސީއަކު ވަނީ ވޭނެއްގައި ދުއްވާފައި ދިޔަ ގޮތަށް ގޮސް ބަންޑާރަ ކޮއްޓަށް ވަދެފައެވެ.
ރާއްޖޭގެ އެންމެ ހައި ސެކިއުރިޓީ އިމާރާތަށް ވެހިކަލެއްގައި ގޮސް އެހާ ފަސޭހައިން ވަނުމުން، ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.