ގދ. މަޑަވެލީ ގެއެއްގައި ރޯވެ، ގޭގެ ބޮޑުބައެއް އަނދައިފިއެވެ.
މިއަދު ހެނދުނު ރޯވެފައިވަނީ މަޑަވެލި "ނާރެސް" ގޭގައި ކަމަށެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 8:20 ހާއިރު ރިޕޯޓް ލިބުނު އެ ހާދިސާގައި ހަ ކޮޓަރި ހުންނަ އެ ގޭގެ ހަތަރު ކޮޓަރިއެއް އެއްކޮށް އަނދާފައިވާއިރު އަނެއް ދެ ކޮޓަރިއަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.
ހާދިސާއާ ގުޅިގެން މަޑަވެލި ކައުންސިލްގެ ނައިބު ރައީސް އަޒަމް މުހައްމަދު "ވަން" ވިދާޅުވީ، ހާދިސާ ހިނގި ވަގުތު އެ ގޭގައި ދެ އަންހެނަކާއި ދެ ކުޑަކުދިން ތިބި ކަމަށެވެ. އަދި އަލިފާނު ހާދިސާގައި ދިރިނޫޅެވޭ ވަރަށް ގެ އަނދައިގެން ގޮސްފައިވާތީ، އާއިލާގެ ބައެއް ކައިރިއަށް އެމީހުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އަޒަމް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އަލިފާން ރޯވެފައިވަނީ ކަރަންޓު ޝޯޓަކުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް އާންމުންގެ އެހީތެރިކަމާއެކު ގޭގައި ގެންގުޅޭ ބައެއް ސާމާނު ސަލާމަތް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އަންނަނީ ކުރަމުންނެވެ.