ޚަބަރު

ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ލައިސަންސް ނެތި ބްރޯޑްކާސްޓް ކުރާ މައްސަލައިގައި މަޝްވަރާކޮށްފި

މަރިޔަމް ޝަހުދާ

1

ލައިސަންސް ނެތި ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގައި ގަވައިދާ ހިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގް ހިދުމަތާއި ގުޅޭ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޓުއަރިޒަމް މިނިސްޓްރީއާ މަޝްވަރާކޮށްފިއެވެ.

އިއްޔެ ކުރިއަށްދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ، ނައިބު ރައީސް އަހުމަދު ގައީސް އަދި ކޮމިޝަނުގެ މެމްބަރުން ކަމަށްވާ އަމްޖަދު ވަހީދު، އަލީ ޔޫސުފްގެ އިތުރުން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޑރ.އަހުމަދު ސާލިހުގެ އިތުރުން މިނިސްޓްރީގެ އިތުރު ދެ ބޭފުޅަކު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުން ވަނީ ރީބްރޯޑްކާސްޓު ކުރުމުގެ ހިދުމަތަކީ އެކަމަށް ހާއްސަ ވަކި ލައިސަންސެއް ކޮމިޝަނުން ހޯދައިގެން ކުރެވޭނެ ކަމެއްކަން ފާހަގ ކޮށްފައެވެ. އަދި ގިނަ ގެސްޓްހައުސްތަކާއި ރިސޯޓުތަކުގައި އެ ހިދުމަތް ލައިސަންސެއް ނެތި ދެމުންދާ ދިއުމާ ގުޅިގެން ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރިއެވެ.

ބޭރުގެ އެކި ޗެނަލްތަކުގެ ރައިޓްސް ނެތި ބައެއް ރިސޯޓުތަކުގައި އެ ޗެނަލްތައް ރީބްރޯޑްކާސްޓް ކުރާ ކަމުގެ ޝަކުވާ އެކޮމިޝަނަށް ލިބިފައިވާކަން މިނިސްޓްރީއާ ކޮމިޝަނުން ހިއްސާކޮށްފައިވެއެވެ. އަދި މިކަމަކީ ބައިނަލްއަގުވާމީ ކޮޕީރައިޓްސް މައްސަލައެއްކަން ފާހަގަކޮށް ކޮމިޝަނުން ވަނީ މިކަމުގެ ސަބަބުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ނުލިބޭކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން ލައިސަންސް ނެތި، ގަވައިދާ ހިލާފަށް ރީބްރޯޑްކާސްޓް ކުރަމުންދާ ރިސޯޓުތަކުގެ މައްސަލަތައް ބެލުމަށް ކަމާ ބެހޭ ފަރާތްތަކުން ބޭނުންވާ އެއްބާރުލުން ނުލިބޭ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ކޮމިޝަނަށް އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ކޮމިޝަނުން ބުނެއެވެ.

މިނިސްޓްރީން ވަނީ މި ބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރެއްވި ކަންކަމަށް އެކަށީގެންވާ ދާއިމީ ހައްލެއް ހޯދާނެ ކަމުގެ ޔަގީންކަން ކޮމިޝަނަށް ދެއްވައިފައެވެ. އަދި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެކަން މި ބައްދަލުވުމުގައި މިނިސްޓްރީން ފާހަގަކުރި ކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން މައުލޫމާތުދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟