ޚަބަރު

މޯދީގެ ވައުދުފުޅާ އެއްގޮތަށް ދެވަނަ ޓްރެއިނިންއަށް ދިވެހި ފުލުހުން އިންޑިއާއަށް ފުރަން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވައުދުފުޅާ އެއްގޮތަށް ޓްރެއިނިންގެ ދެވަނަ ބެޗަށް ދިވެހި ފުލުހުން އިންޑިއާއަށް ފުރަން ފަށައިފިއެވެ.

ދިވެހި ފުލުހުން ތަމްރީން ހަދަމުން އަންނަނީ ގުޖުރާތު ފޮރެންސިކް ސައިންސް ޔުނިވާސިޓީ (ޖީއެފްއެސްޔޫ) އިންނެވެ.

އިންޑިއަން އެމްބަސީން މިއަދު ބުނީ ދިވެހި ފުލުހުންގެ ދެވަނަ ބެޗުގައި ހިމެނޭ 20 ފުލުހުންގެ ޓީމުގެ ތަމްރީން ފަށަން ނިންމާފައިވަނީ އަންނަ ހޯމަ ދުވަހު ކަމަށާއި އެ ޓްރެއިނިން ކުރިއަށްދާނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ބެޗުގެ ޓްރެއިނިން ހެދުމަށް ހަމަޖއްސާފައިވަނީ "ކްރައިމް ސީން މެނޭޖްމަންޓް"އާ ގުޅޭގޮތުންނެވެ.

20 ފުލުހުން ހިމެނޭ ދިވެހި ފުލުހުންގެ ފުރަތަމަ ބެޗު މިހާރު ތަމްރީނު ހަދަމުންދާ އިރު، އެ ތަމްރީނުތައް އަންނަ ހުކުރު ދުވަހު ނިމޭނެ ކަމަށް އެމްބަސީން ބުންޏެވެ. މި ބެޗުން ޓްރެއިނިން ހަދަނީ "ޑީއެންއޭ ފިންގާ ޕްރިންޓް" އާ ގުޅޭގޮތުންނެވެ.

ތަމްރީނުތަކުގައި ބައިވެރިވާ ދެވަނަ ބެޗުގެ ފުލުހުން މިއަދު ވަނީ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރާ ބައްދަލުކުރައްވައިފައެވެ.

އެމްބަސީން ބުނީ ކުރިއަށް އަދި މިފަަދަ އިތުރު ދެ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްދާނެ ކަމަށެވެ. އެއީ "ކޮމްޕިއުޓާ ފޮރެންސިކް އެންޑް ސައިބާ ސެކިއުރިޓީ" އާއި "ފޮރެންސިކް ކެމިސްޓްރީ" އާ ގުޅޭގޮތުން ކުރިއަށްގެންދާ ޓްރެއިންތަކެކެވެ.

މިއީ ކުށްތައް ހައްލުކުރުމުގައި ޒަމާނީ ޓެކްނޮލިޖީއަށް ދިވެހި ފުލުހުން އަހުލުވެރިކުރުވުމަށް އިސްނަގައިގެން ކުރިއަށްގެންދާ ޓްރެއިނިންތަކެއް ކަމަށްވެސް އެމްބަސީން ބުންޏެވެ.

ދިވެހި ފުލުހުންނަށް ޓްރެއިނިން 100 ފުރުސަތު ދިނުމަށް މޯދީ މިދިޔަ އަހަރު ޖޫން މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވަނީ ވައުދުވެވަޑައިގެންފައެވެ.