ޚަބަރު

ޔޫތު މިނިސްޓްރީން ޒުވާނުންގެ އެވޯޑާއި ކުޅިވަރު އެވޯޑު އަދި މަދަނީ ޖަމިއްޔާތަކުގެ އެވޯޑު ތައާރަފުކޮށްފި

ޔޫތު މިނިސްޓްރީން އެކިއެކި ދާއިރާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޒުވާނުންގެ އެވޯޑާއި ކުޅިވަރު އެވޯޑު އަދި މަދަނީ ޖަމިއްޔާތަކުގެ އެވޯޑު ތައާރަފުކޮށްފިއެވެ.

އެ ތިން އެވޯޑު ތައާރަފުކޮށްފައިވަނީ ޔޫތު މިނިސްޓްރީން "ރަން އަހަރު"ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އެ ތިން އެވޯޑުގެ ތެރެއިން މިރޭގެ ޖަލްސާގައި ތައާރަފުކުރި ފުރަތަމަ އެވޯޑަކީ ޒުވާނުންގެ އެވޯޑެވެ. އެ އެވޯޑު ތައާރަފުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ޒުވާނުންގެ އެވޯޑަކީ ޒުވާނުންގެ އިލްމާއި، ހުނަރުވެރިކަމާއި، މަސައްކަތްތެރިކަމުގެ ތެރެއިން މުޖުތަމައުއަށާއި ޒުވާނުންނަށް ފަރުދީގޮތުންނާއި އަދި ޖަމާއީ ގޮތެއްގައި ކޮށްދޭ މަސައްކަތްތަކާއި ހިދުމަތްތަކުގެ އަގު ގައުމީ ފެންވަރެއްގައި ބަލައިގަނެ، އެކަމަށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

ޖަލްސާގައި ދެވަނައަށް ތައާރަފުކުރި އެވޯޑަކީ ކުޅިވަރު އެވޯޑު ނުވަތަ ސްޕޯޓްސް އެވޯޑެވެ. އެ އެވޯޑު ތައާރަފުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. ކުޅިވަރު އެވޯޑަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތައް ފާހަގަކޮށް، ކުޅިވަރުގެ ތަފާތު ދާއިރާތަކުން ކާމިޔާބީ ހޯދާ ފަރާތްތަކަށް ހިތްވަރުދީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖުތަމައުއެއް ބިނާކުރުމަށް ހިތްވަރުދިނުމަށް ދެވޭ އެވޯޑެކެވެ.

ޖަލްސާގައި ތިންވަނަ އެވޯޑެއްގެ ގޮތުގައި ތައާރަފުކުރި އެވޯޑަކީ މަދަނީ ޖަމިއްޔާތަކުގެ އެވޯޑް ނުވަތަ ސިވިލް ސޮސައިޓީ އެވޯޑެވެ. އެ އެވޯޑު ތައާރަފުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. މަދަނީ ޖަމިއްޔާތަކުގެ އެވޯޑަކީ ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، ގައުމުގެ ތަރައްގީއަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ އެވޯޑެކެވެ.