މިނިސްޓަރު އަހުމަދު މަޙުލޫފް

މިދިޔަ އަހަރު އިންދުނީ އޮށްތަކެއް، މިއަހަރު އޭގެ މޭވާ ފެނިގެންދާނެ: މަހުލޫފު

މިދިޔަ އަހަރު އިންދުނީ އޮށްތަކެއް ކަމަށާއި މިއަހަރުގެ ތެރޭގައި އޭގެ މޭވާ ފެނިގެންގޮސް، ކުޅިވަރުގެ ދާއިރާއިން ވެސް ބޮޑެތި ތަރައްގީތަކެއް ފެނިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

"ރަން އަހަރު"ގެ ނަމުގައި ޔޫތު މިނިސްޓްރީން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ރާއްޖޭގައި އެޅިގެންދާ ފުރަތަމަ އިންޑޯ ބާސްކެޓް ކޯޓު އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި އޭގެ އިތުރުން ފީފާ އިން ގަބޫލުކުރާ ފެންވަރުގެ 50 އެއްހޭ ފުޓުބޯޅަ ދަނޑު މިއަހަރު ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް ވެސް އުންމީދުކުރާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލާނީ ހަގީގަތުގައި މިދިޔަ އަހަރު އަޅުގަނޑުމެންނަށް އިންދުނީ އޮށްތަކެކޭ. އިރާދަކުރެއްވިއްޔާ އޭގެ މޭވާ މިއަހަރު ފެނިގެންދާނެ. އަޅުގަނޑުމެން ވަރަށް އުންމީދު އެބަކުރަން ރާއްޖޭގައި އެޅޭ ފުރަތަމަ އިންޑޯ ބާސްކެޓް ކޯޓު މިއަހަރުގެ ތެރޭގައި އެޅުމުގެ މަސައްކަތް ފެށިގެންދިއުން. އިރާދަކުރެއްވިއްޔާ ސްވިމިން ޕޫލްގެ އަމަލީ މަސައްކަތް މިހާރު މިވަނީ ފެށިގެން ގޮސްފައި. އަޅުގަނޑުމެން މިހާރު ކުރަމުންމިދާ ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަތް އެއްކޮށް މިއަހަރުގެ ތެރޭގައި ނިމޭއިރު، ގާތްގަނޑަކަށް 50 އަކަށް ބޮޑު ފުޓުބޯޅަ ދަނޑު، ފީފާ އެޕްރޫވްޑް ދަނޑުތަކެއް ރާއްޖޭގެ ކަންކޮޅުތަކުގައި އެޅޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 ވަރަކަށް ޒުވާނުންގެ މަރުކަޒު އެޅޭނެ ކަމަށް ބަޖެޓުން ފެންނަ ކަމަށާއި ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އާ ދިމާކޮށް ވަކިވަކި ކުޅިވަރުތަކަށް ހާއްސަކުރެވިގެން ކުޅިވަރު ފެސިލިޓީސްތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް މިއަހަރު ފެށިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މަހުލޫފުގެ ވާހަކައިގައި މިދިޔަ އަހަރު ގިނަ ދަތިތަކެއް ކުރިމަތިވިކަން ވެސް ފާހަގަކުރެއްވިއެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެން މަސައްކަތްކުރި އިރު، ތަފާތު އެކި ގޮންޖެހުންތަކާ ދިމާވި. މިސާލަކަށް ސްވިމިން ޓްރެކް ސަރަހައްދުގައި އަޅުގަނޑުމެން އަޅަން އޮތް އިމާރާތް އެޅުމަށް ސޮއިކުރި ދުވަހު ނޫން ޖެހިގެން އައި ދުވަހު އަޅުގަނޑަށް އީޕީއޭ އިން ސިޓީއެއް އައި، މަސައްކަތް ހުއްޓާލަން. މިއަދު އަޅުގަނޑަށް ހީވަނީ ބިއްގަނޑު ޖެހުމުގެ މަސައްކަތް ކުރެވިއްޖެހެން. ގާތްގަނޑަކަށް ހަ މަސް ދުވަސް ދިޔައީ މިހެން ހުރި ބައެއް ދަތިތައް ނައްތާލަން،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ އެފަދަ ބައެއް ދަތިތަކާ އެކުވެސް މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން ބޭނުންވާ ކަންކަން، ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދިނުން ކަމަށްވުމުން ފުޓުބޯޅަ ތަރައްގީކުރުމުގެ އަޑުތައް ގިނަވެދާނެ ކަމަށެވެ.