ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ގައުމު ތަރައްގީވެގެން ދާނީ އަނެކާގެ ހައްގު ދަނެގެން، އެނެކާއަށް އިސްކަން ދިން މިންވަރަކުން: ނައިބު ރައީސް

ގައުމު ކުރިއަރައި، ތަރައްގީވެގެން ދާނީ އަނެކާގެ ހައްގު ދަނެގެން، އަނެކާގެ ކަންތައްތަކަށް އިސްކަން ދިން މިންވަރަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ރަން އަހަރު"ގެ ނަމުގައި ޔޫތު މިނިސްޓްރީން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ހިނގާ ކަންތައްތަކާ މެދު ޒުވާނުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

"ޒުވާނަކަށްވީތީ، އަޅުގަނޑުމެން މިއަދު އެންމެ ބޮޑަށް ބަލަންވީ އެކަކު އަނެކަކަށް އޯގާތެރިވުމަށްޓަކައި. އެކަކު އަނެކަކަށް އަޅާލައި، މުއާމަލާތްކުރުމުގައި ރީތި ގޮތްތައް ގެންގުޅޭ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އަޅުގަނޑުމެންގެ ގައުމު ކުރިއަރައިގެން، ތަރައްގީވެގެން ތަހުޒީބު ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެމިތިބެވޭނީ އަނެކާގެ ހައްގު އަޅުގަނޑުމެން ދަނެގެން، އަނެކާގެ ކަންތައްތަކަށް އަޅުގަނޑުމެން އިސްކަން ދިން މިންވަރަކުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކޮންމެ ދުވަހަކުވެސް އަޑުއިވިގެން ދަނީ މަގުމަތީގެ އެކްސިޑެންޓެއްގައި ނޫނީ ކަނޑުދަތުރު ކުރުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދާ އަޑުތައް ކަމަށާއި އެކަމާ މެދު ވިސްނައި، އެންމެންނަށް ވެސް ރައްކާތެރި މަގުތަކެއް ހޯދައިދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ސިއްހަތަށް ގެއްލުން ހުރި ކަންތައްތަކާ ދުރަށް ދިއުމަށް ވިސްނަން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ނަސީބަކަށް މިވަނީ އަޅުގަނޑުމެންގެ ސިއްހަތު. އަޅުގަނޑުމެން އެބަޖެހޭ ދުޅަހެޔޮ ސިއްހަތެއްގައި، ފުރިހަމަ ސިއްހަތެއްގައި ތިބުމަށްޓަކައި އަޅުގަނޑުމެންގެ ހަށިގަނޑަށް އެކި ގޮތްގޮތުން އުނިކަން، ގެއްލުން ލިބޭ ފަދަ ކަންތައްތަކާ ދުރަށް ދާން. އެހެންމީހުންގެ ހައްގުތަކަށް އަޅުގަނޑުމެން ހުރުމަތްތެރިކޮށް ހިތަން އެބަޖެހޭ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި، އަދިވެސް އެނޫން ކަންތައްތަކުން، އަޅުގަނޑުމެންގެ ހަށިގަނޑަށް ގެއްލުން ހުރި ކަންތައްތަކުން އަޅުގަނޑުމެން ދުރަށް ގޮސް، އަޅުގަނޑުމެން މިއަދު މުޅި މުޖުތަމައުން މި ނަމޫނާތައް އަޅުގަނޑުމެން ދައްކައިދޭން އެބަޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ގައުމެއް ކުރިއަރައިގެން ދަނީ އެންމެން ކުރާ މަސައްކަތުން ކަމަށާއި މި ސަރުކާރުން ކުރިއަށްދާނީ ޒުވާނުންގެ ބައިވެރިވުމާއެކު ކަމަށެވެ.