ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ހުޅުމާލޭގައި ތަރައްގީކުރި ފުލެޓުތަކުގެ ތެރެއިން މަރާމާތުކުރަން ޖެހޭ ފުލެޓުތަކުގެ އިންސްޕެކްޝަން މަސައްކަތް ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފުލެޓުގެ ތެރެއިން މަރާމާތުކުރަން ބޭނުންވާ ފުލެޓުތަކުގެ އިންސްޕެކްޝަން ކުރިއަށްދާ ކަމަށެވެ.
ސީއެމްއީސީން ތަރައްގީކުރި ފުލެޓުތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ގިނަބަޔަކު ވަނީ ޝަކުވާ ހުށަހަޅައިފައެވެ. އެކަމާ ގުޅިގެން އެ ފުލެޓުތަކުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ، މިމަހުގެ 16ގެ ކުރިން ފޯމު ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ހުޅުވާލައިފައެވެ.
އެ ފުލެޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ހިންގި 1500 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ސީއެމްއީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން ތަރައްގީކުރި ފުލެޓުތަކެކެވެ. އެ މަސައްކަތް ނިންމައި، ސީއެމްއީސީން ފުލެޓުތައް ސަރުކާރާ ހަވާލުކުރީ 2017ގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން ސީއެމްއީސީން އެންމެ ގިނަ ފްލެޓު ތަރައްގީކުރީ ހުޅުމާލޭގައެވެ. ހުޅުމާލޭގައި 704 ހައުސިން ޔުނިޓް ތަރައްގީކުރި އިރު، އައްޑޫ ސިޓީ ހިތަދޫގައި 264 ހައުސިން ޔުނިޓް، ހުޅުމީދޫގައި 48 ހައުސިން ޔުނިޓް ތަރައްގީކުރިއެވެ. އޭގެ އިތުރުން ފުވައްމުލަކު ސިޓީގައި 200 ހައުސިން ޔުނިޓް، ގދ. ތިނަދޫގައި 120 ހައުސިން ޔުނިޓް، ގދ. ގައްދޫގައި 50 ހައުސިން ޔުނިޓް، ގދ. ހޯޑެއްދޫގައި 40 ހައުސިން ޔުނިޓް، ގދ. މަޑަވެލީގައި 22 ހައުސިން ޔުނިޓް އަދި ގއ. ވިލިނގިލީގައި 52 ހައުސިން ޔުނިޓް ވަނީ ތަރައްގީކޮށްފައެވެ.