ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ކެނދިކުޅުދޫ "މަސްޖިދުއްރަޙުމަތު" ހުޅުއްވައިދެއްވައިފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކޮށްފައިވާ "މަސްޖިދުއްރަހުމަތު" މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި މިސްކިތް ހުޅުއްވައިދެއްވާފައިވަނީ، މިއަދު ހަވީރު ކެނދިކުޅުދޫގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

550 މީހުންގެ ޖާގައިގެ މި މިސްކިތަކީ ހެޔޮ އެދޭ ފަރާތަކުން ކެނދިކުޅުދޫގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ. ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވާފައިވާ މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އެންމެ ފުރަތަމަ ބިންގާ އަޅުއްވާފައިވާ މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތަށް ހޭދަވެފައިވަނީ 296 ދުވަސް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވިޔަފާރި ކުރުމަށް، އަދި ވަކީން ހާއްސަކޮށް އިންވެސްޓް ކުރާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދެއްވައި، ވިޔަފާރިވެރީންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދެއްވަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ، ވިޔަފާރިވެރީންނަށް ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް ފާއިތުވި އަހަރުގެ ތެރޭގައި ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން، ގައުމު ތަރައްގީ ކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅެމުން އަންނަ ހުރިހާ ރައްޔިތުންނަށް ނަފާއާއި މަންފާ ލިބޭނެ ގޮތަށް ތަރައްގީގެ ކަންތައްތައް އިންތިޒާމު ކުރެއްވުން ކަމަށެވެ.

ކެނދިކުޅުދޫގެ ތަރައްގީއަށް ސަރުކާރުން ރާއްވަވާފައިވާ އަދި މިހާރުވެސް ހިނގަމުންދާ މަސައްކަތްތަކާއި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުވެސް އެމަނިކުފާނު ވަނީ ހިއްސާ ކުރައްވައިފައެވެ.

"މަސްޖިދުއްރަހުމަތު" ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ މިސްކިތް ބައްލަވައިލައްވައި، މިސްކިތުގެ ގޯތިތެރޭގައި ގަހެއް އިންދަވައިދެއްވައިފައެވެ. މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ރައްޔިތުންގެ ފަރާތުން ވަނީ ރައީސަށް ހަނދާނީ ފިލައެއް އަރުވައިފައެވެ.