ޚަބަރު

ޕާސްޕޯޓާއި ވިސާގެ ކަންކަމުގައި ސަމާލުވުމަށް ލަންކާގައި އުޅޭ ދިވެހިންނަށް އިލްތިމާސްކޮށްފި

އާނިފާ ހުސެއިން ސިރާޖް

އަވަށްޓެރި ލަންކާގައި ދިރިއުޅޭ ބޭރުގެ ގައުމުތަކުގެ މީހުންގެ ސްޓޭޓަސް ބެލުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން އެފަރާތްތަކުގެ ޕާސްޕޯޓާއި ވިސާގެ ކަންކަން ބަލަމުންދާތީ އެކަމަށް ސަމާލުވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ލަންކާގައި އުޅޭ ދިވެހިންނަށް އިލްތިމާސްކޮށްފިއެވެ.

ލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހި އެމްބަސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި، ތަފާތު ބޭނުންތަކުގައި އެގައުމަށް ޒިޔާރަތްކުރާ ދިވެހިން ދުރާލާ ޕާސްޕޯޓާއި ވިސާގެ މުައްދަތު ހަމަވޭތޯ ބަލައި، ހަމަވުމުގެ ކުރިން ވިސާގެ ކަންތައްތައް ހަމަޖެއްސުމަށް ހަނދާންކޮށްދޭ ކަމަށެވެ.

އެގޮތުން ބޭރު ގައުމެއްގައި އުޅޭއިރު، ކާކުކަން އެނގޭނެ އައިޑެންޓިޕިކޭޝަން ގެންގުޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި އެމްބަސީން ބުންޏެވެ. އެހެންކަމުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންވެސް ބޭރަށް ނުކުންނަ އިރު ކޮންމެ ވަގުތެއްގައިވެސް ޕާސްޕޯޓާއި ލަންކާގެ އިދާރާއަކަށް ޕާސްޕޯޓު ބަލައިގެންފައިވާ ނަމަ، ރިސީޕްޓް ހިފައިގެން ބޭރަށް ނުކުތުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާއްމު ތަންތަނުގައި ނޫޅުމަށާއި ގޭގައި ތިބޭއިރުވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ފަސޭހައިން ނެގޭ ގޮތަށް ޕާސްޕޯޓުތައް ބެހެއްޓުމަކީ ލަންކާ ސަރުކާރުން އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް އަންގާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން އެކަންކަމަށް ސަމާލުވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ތަކުރާރުކޮށް އިލްތިމާސްކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެގޮތަށް ގާނޫނާ ހިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާންމުކޮށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ތަކުރާރުކޮށް ފާހަގަވަމުންދާ ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ހުރި ލުއިފަސޭހަތަކުގެ ނާޖާއިޒު ބޭނުންކުރާ މަދު ބައެއްގެ ސަބަބުން އާންމުކޮށް ދިވެހިންނާ ދޭތެރޭ އެގައުމުތަކުން ދެކޭ ގޮތް ބަދަލުވެ، އެފަދަ ލުއިތަކާއި އިނާޔަތްތަކަށް ބުރޫ އެރުމަކީ ވެދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ހަފްތާގެ ތެރޭގައި ލަންކާގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ވިސާއާއި ޕާސްޕޯޓުގެ މައްސަލަތަކުގައި 12 ދިވެހިން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރެއިން އެކަކު ނޫން އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ނުވަ މަސް ދުވަހު ވިސާ ނެތި ލަންކާގައި އުޅެ، އަދި ދިވެހި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތާ އަށް މަސްވެފައިވާތީ އެމީހާގެ ބަންދަށް މިހާރު ލަންކާ ކޯޓުން ވަނީ 10 ދުވަސް ޖަހައިފައެވެ.