ޚަބަރު

އައިޖީއެމްއެޗުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެކްރިޑޭޓް ކުރުމުގެ މަސައްކަތް ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ހޮސްޕިޓަލްސް އެންޑް ހެލްތު ކެއާ ޕްރޮވައިޑާސް (އެންއޭބީއެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ޓެސްޓިންގް އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒް (އެންއޭބީއެލް)ގެ ގައިޑްލައިންތަކާ އެއްގޮތަށް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަށައިފިއެވެ.

އައިޖީއެމްއެޗުގައި މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ 'އެކްމެ'ގެ ކޮންސަލްޓޭޝަންގެ ދަށުންނެވެ.

އެންއޭބީއެޗް އަދި އެންއޭބީއެލްގެ މިންގަނޑުތަކަަކީ އިންޓަނޭޝަނަލް ސޮސައިޓީ ފޯ ކޮލެޓީ އިން ހެލްތު ކެއާ އިން އެކްރެޑިޓްކޮށްފައިވާ މިންގަނޑުތަކެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެންއޭބީއެޗް އަކީ އޭޝިއަން ސޮސައިޓީ ފޯ ކޮލެޓީ އިން ހެލްތު ކެއާގެ ފައުންޑިން މެންބަރެއް ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އައިޖީއެމްއެޗުން ބުނީ އެންއޭބީއެޗް އަދި އެންއޭބީއެލްގެ ބެންޗްމާކުތަކަކީ އިންޑިއާގެ ކޮލިޓީ ކައުންސިލުން ނިންމައި، ޖޮއިންޓް ކޮމިޝަން އިންޓަނޭޝަނަލް (ޖޭސީއައި)، އޮސްޓްރޭލިއަން ކައުންސިލް އޮން ހެލްތު ކެއާ ސްޓޭންޑާސް (އޭސީއެޗްއެސް) އަދި ކެނޭޑިއަން ހިސްޕިޓަލް ފަދަ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްފެންވަރުގެ މިންގަނޑުތަކެއް ކަމަށެވެ.

އެކްރިޑޭޓް ކުރުމަކީ ހޮސްޕިޓަލުތަކުގައި ކުރާ މަސައްކަތްތަކާއި، ހިދުމަތްތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއް ހަމައެއްގައި ބެހެއްޓުމަށް ސްޓްރީމްލައިންކޮށް، ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ދެނެގަނެވޭނެ ގޮތްތަކާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް ހިދުމަތްތަކަށް ބަދަލު ގެނެސް، އެ މިންގަނޑުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ.

އޭގެ އިތުރުން ހޮސްޕިޓަލުގައި ބޭނުން ކުރާ އާލާތްތައް ކަނޑައެޅޭ މިންގަނޑުތަކަކަށް ބެހެއްޓުމާއި، ގަވައިދުން ހޮސްޕިޓަލުގެ ހިދުމަތްތަކާއި މަަސައްކަތްތައް އޮޑިޓުކުރުންވެސް އެކްރިޑޭޓް ކުރުމުގައި ހިމެނެއެވެ.

އައިޖީއެމްއެޗުގައި އެފަދަ ސްޓޭންޑާޑެއް ގާއިމު ކުރެވުމަކީ ބަލިމީހުންނަށް ރައްކާތެރިމަކާއި ދެވޭ ހިދުމަތާ މެދު އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.