ސައުތް އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ދިވެހި ޕާސްޕޯޓު ހޮވިއްޖެއެވެ.
އެންމެ ގިނަ ގައުމުތަކުން އޮން އެރައިވަލްކޮށް ފްރީ ވިސާ ލިބޭ ޕާސްޕޯޓުތައް ރޭންކު ކުރުމަށްފަހު ހެންލީ ޕާސްޕޯޓް އިންޑެކްސް އިން ކޮންމެ އަހަރަކު ޝާއިއުކުރާ އެ ލިސްޓުގައި މިއަހަރު ސާކުގެ ގައުމުތަކުން އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ދިވެހި ޕާސްޕޯޓް ހޮވުނުއިރު، މިދިޔަ އަހަރުވެސް އެ މަގާމު ލިބުނީ ދިވެހި ޕާސްޕޯޓަށެވެ.
އެގޮތުން ދިވެހި ޕާސްޕޯޓަށް ދުނިޔޭގެ 85 ގައުމަކުން ފްރީ ވިސާ ދޭ ކަމަށް ހެންލީ ޕާސްޕޯޓް އިންޑެކްސްގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ސާކް ގައުމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ހޮވިފައިވަނީ އަވަށްޓެރި އިންޑިއާގެ ޕާސްޕޯޓެވެ. އެގައުމުގެ ޕާސްޕޯޓަށް 58 ގައުމަކަށް ފްރީ ވިސާ ލިބޭއިރު ސާކުގެ ތިން ވަނައަށް އެންމެ ބާރުގަދަ ޕާސްޕޯޓުގައި ގޮތުގައި ހިމަނާފައިވާ ސްރީ ލަންކާގެ ޕާސްޕޯޓަށް 42 ގައުމަކުން ފްރީ ވިސާ ލިބެއެވެ.
ހެންލީ ޕާސްޕޯޓް އިންޑެކްސް ރޭންކިންގެ އެންމެ ފުލުގައި ހިމެނޭ ސާކުގެ ގައުމުތަކަކީ ނޭޕާލް އަދި އަފްގާނިސްތާނެވެ. އެގޮތުން ސާކުގެ އަށް ގައުމުގެ ތެރެއިން ނޭޕަލް އޮތީ ހަތް ވަނައިގައެވެ. އަދި އަފްގާސްނިސްތާން އޮތީ އަށް ވަނައިގައެވެ. އަފްގާނިސްތާނަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ނިކަމެތި ޕާސްޕޯޓެވެ.
ސާކުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ދިވެހި ޕާސްޕޯޓެއް ލިބުނުއިރު، ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްތަކުގެ ރޭންކިންގައި ދިވެހި ޕާސްޕޯޓު ހިމެނިފައިވަނީ 61 ވަނައިގައެވެ. މިއީ މިދިޔަ އަހަރަށްވުރެ އެ ދަރަޖައިގެ ކުރިއެރުމެކެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ހޮވިފައިވަނީ ޖަޕާން އަދި ސިންގަޕޫރުގެ ޕާސްޕޯޓެވެ.