އޮސްޓްރޭލިއާގެ ޖަންގަލީގެ ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި އިންޑޮނީޝިއާގެ ޖަކާޓާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ، އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބުމާއި ގުޅިގެން އެކަމުގެ ހިތާމަގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ދެ ގައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.
އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ރައީސް ފޮނުއްވި ހަމްދަރުދީ މެސެޖުގައި ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކާއި ހާލުގައި ޖެހިފައިވާ މީހުންނާއި އަދި އިންޑޮނޭޝިއާގެ ސަރުކާރަށާއި އާންމު ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
އޭގެ އިތުރުން އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
އިންޑޮނޭޝިއާއަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ވެރިރަށް ޖަކާޓާގައި ފެންބޮޑުވެ ހިނގި ހާދިސާތަކާއި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ގޮސް ހިނގި ހާދިސާތަކުގައި މިހާތަނަށް 65 މީހަކު ވަނީ މަރުވެފައެވެ. އަދި ހާހަކަށްވުރެ ގިނަ މީހުން ހާލުގައިޖެހިފައި ވެއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ރައީސް ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި އޮސްޓްރޭލިއާގެ ޖަންގަލީގައި ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން އެތައްބައެއްގެ ފުރާނަގެއްލި، ގެދޮރާއި ތަކެއްޗާއި ގުދުރަތީ ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކަކީ ސިހުން ލިބިވަޑައިގެންނެވި ބޮޑެތި ގެއްލުންތަކެއްކަމުގައި ވިދާޅުވިއެވެ.
އޮސްޓްރޭލިއާއަކީ ރާއްޖެއާ ވަރަށް ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްކަން ފާހަގަކުރައްވާ ރައީސްގެ މެސެޖުގައި ވަނީ މިދަތި އުދަނގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހިތުގެ އިހުލާސްތެރި ހަމްދަރުދީ އޮސްޓްރޭލިއާގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.
އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވީ އޮސްޓްރޭލިއާގެ ޖަންގަލީގައި ރޯވެ، ފެތުރެމުންދާ އަލިފާނުގެ ސަބަބުން ދިރިއުޅޭ މާހައުލާއި އަދި ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކުން ދޭހަކޮށްދެނީ ތިމާވެއްޓާމެދު އިންސާނުންގެ އަމަލުތައް ބެހެއްޓޭ ނުރަނގަޅު ގޮތްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް އިތުރަށް ގޯސްވަމުންދާ މިންވަރު ކަމަށެވެ.
އެގޮތުން ތިމާވެށީގެ ކުއްލި ހާލަތްތަކުން އަރައިގަތުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން ކުރެވޭ މަސައްކަތުގައި ބައިވެރިވެ ކުރިޔަށްދިއުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށާއި އަދި ވަކިން ހާއްސަކޮށް މިހާރު އޮސްޓްރޭލިއާގެ ޖަންގަލީގައި ރޯވެ ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގައި ވެސް އޮސްޓްރޭލިޔާގެ ރައްޔިތުންނާ އެކުގައި ރާއްޖޭގެ ރައްޔިތުން ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މެސެޖު ނިންމަވާލައްވަމުން މި ހާދިސާގެ ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 25 މީހެއްގެ ފުރާނަ ގެއްލި، 10 ހެކްޓަރުގެ ސަރަހައްދެއް އަނދައިގެން ގޮސްފައިވެއެވެ. އަދި އަލިފާނުގެ ސަބަބުން ހަމައެކަނި ސައުތު ވޭލްސް ސަރަހައްދުން ވެސް ބައި މިލިޔަނަށްވުރެ ގިނަ ޖަނަވާރު މަރުވެ ގޮސްފައިވާކަމަށް އަންދާޒާ ކުރެވެއެވެ.