ކ. މާފުށީ ކައިރީގައި އަޅާފައިހުރި ސަފާރީތައް ނަގަން އެރަށު ކައުންސިލުން ނޯޓިސް ދީފިއެވެ.
މާފުށީ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އެ ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިހުރި ސަފާރީތައް އިހްތިސާސް އިން ބޭރަށް ގެންދިއުމަށް އަންގާ ކަމަށެވެ.
އެހެންކަމުން މާފުށީ ކައުންސިލުގެ އިހްތިސާސްގައިވާ އެއްވެސް ސަފާރީއެއް އޮތްނަމަ، އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ސަފާރީއެއް ނަގައި ބޭރަށް ގެންދިއުމަށް އިއުލާނުގައި ބުނެފައިވެއެވެ.
މުއްދަތު ހަމަވުމުން ނުގެންގޮސްހުރި ސަފާރީތައް ކައުންސިލްގެ ފަރާތުން އެސަރަހައްދުން ނަގައި، އެތަކެތި ނައްތާލައި ނުވަތަ ނީލަމުގައި ވިއްކާލާނެ ކަމަށާއި އަދި އިހްތިސާސްގައި ހުރި ތަކެތި ހުސްކުރުމުގެ ތެރޭގައި އެތަނުން ނުގެންގޮސް ހުރި ސަފާރީތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ވެސް މާފުށީ ކައުންސިލުން ސަފާރީތަކަށް އަންގާފައިވާ އެންގުމުގައިވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ބުނާ ގޮތުން، ރަށެއްގެ ކައުންސިލްގެ އިހްތިސާސަކީ އެ ރަށާއި އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރެވެ.
ރަށެއްގެ ކައުންސިލުގެ އިހްތިސާސް ކަނޑައެޅުމުގައި 700 މީޓަރަށްވުރެ ކައިރީގައި ރިސޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް އޮތްނަމަ، އެ ރަށުގެ އިހްތިސާސްގައި އެ ރިސޯޓެއް ނުވަތަ އިންޓަސްޓްރިއަލް ރަށެއް ހިމެނޭ ބައި އުނިކުރުމަށްފަހު އިހްތިސާސް ކަނޑައެޅެއެވެ.