އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑއަޅާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހުކުމް އަލުން ރިވިއު ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް، ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން ރިވިއު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް، ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ބޭއްވި ފުރަތަމަ އަޑުއެހުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ކަންތައްތައް ކުރިއަށް ދިޔަ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑަށް ލިބިފައިވާ ބޭއިންސާފަށް އިންސާފު ލިބޭނެ. އަދި އުއްމީދު ކުރަނީ އެ މައްސަލައިގެ ހުކުމެއް ވީހާވެސް އަވަހަކަށް އަޅުގަނޑުމެނަށް އިވުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މައްސަލައަށް މިއަދު ގޮތެއް ނިންމަވައިދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު މިއަދު އެ މައްސަލައިގެ ގޮތެއް ނިންމެވުމަށް ދަތިވާ ސަބަބުތަކެއް ހުރިކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިއަދު ގޮތެއް ނިންމެވުމަށް ދަތިފުޅުވާ ސަބަބަކަށް ވާނީ ދެކެވިފައިވާ ވާހަކަތަކުގެ ޔައުމިއްޔާގެ ރެކޯޑިންނާއި އިދާރީ ކަންތައްތަކެއް ނިންމަވަން ޖެހިވަޑައިގެންނެވުމުން ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް މިއަދު ދެކެވުނު ވާހަކަތަކާއި ފާހަގަކުރެއްވި ނުކުތާތަކަށް ބަލާނަމަ މައްސަލަ ނިމިގެންދާނެ ގޮތާމެދު އުއްތަމަ ފަނޑިޔާރުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަށް ފާހަގަވެގެން ދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.