މާފުށީ ޖަލުގައި ރިމާންޑު ބަންދުގައި ތިބި މީހުން ހިންގަމުން ދިޔަ ހަމަނުޖެހުން ހުއްޓާލައި މިހާރު އެމީހުން ބަސް އަހާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނާޒު ވިދާޅުވީ، މިމަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލުގައި ހަމަނުޖެހުން ފެށުނީ ރިމާންޑުގައި ތިބި މީހުން، ޖަލު އޮފިސަރުންނާ ދިމާލަށް ދިލަ ނަގާޒާތުގެ ފެނާއި މިރުސް ޖެހި ހިސާބުން ކަމަށެވެ. އަދި އެކަމުގައި އިތުރު ގޮޅިތަކަކުން ވެސް ބައިވެރިވި ކަމަށެވެ.
ނަމަވެސް އެ އެއްޗެހި އަތުނުލައި ފުރަތަމަ ފެށީ އެމީހުން އެކަންކުރީ އޮފިސަރުންގެ ފަރާތުން ކަމެއް ހިނގައިގެންތޯ ބެލުމުގެ މަސައްކަތް ކަމަށާއި އެގޮތުން އޮފިސަރުންގެ ފަރާތުން އިތުރު ކަމެއް ހިނގައިގެން ނޫންކަން ކަށަވަރުވި ކަމަށް މުނާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އޮފިސަރުންގެ ފަރާތުން އިތުރުކަމެއް ހިނގައިގެނެއް ނޫނޭ މި އުޅެނީކީ. ހަމަ ކުއްލިއަކަށް ކޮންމެސް ކަމަކާ ގުޅިގެން ކަމެއް ކުރަން ބޭނުންވެގެން ކަމެއް ފަށައިގެން އުޅެނީ ކަން. އެހެންވީމަ އަޅުގަނޑުމެން އަޑުއަހަން ބޭނުންވީ ކޮބައިތޯ ބަންދު މީހުންގެ ޝަކުވާތަކަކީ. ކީއްވެގެންތޯ މިކަމެއް ފަށައިގެން މި އުޅެނީ،" މުނާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިދިޔަ ފަސް ވަނަ ދުވަހު އިންސްޕެކްޓާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުގެ ހާޒިރުގައި ޖަލު އޮފިސަރުންގެ ގަޔަށް އެންމެ ގިނައިން އެއްޗެހި ޖަހަމުންދިޔަ ގޮޅީގައި ތިބި މީހުން ނެރެ އެއްޗެހި އަތުލަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް އެ ގޮޅީގައި ތިބި މީހުން ހުރަސް އަޅައި، އެކަން ކުރަން ޖާގަ ނުދިނުމުން ޕެޕާ ސްޕްރޭ ބޭނުންކުރި ކަމަށް ވިދާޅުވިއެވެ.
"ވީޑިއޯގައި އެ ފެންނަނީ ޕެޕާ ސްޕްރޭ ޖެހުމަށްފަހު އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް އާފްޓާ ކެއާ ދިނުމަކީ. އެއީ ވަގުތުން އެމީހުންގެ ލޮލަށް ފެންޖަހާ އެމީހުން ނޯމަލް ކުރަންޖެހޭ. އެކަންކުރަމުންދިޔަ މަންޒަރުގެ ފޮޓޯއެއް ޖަލު ތެރެއަށް ވައްދާފައި އޮތް ފޯނަކުން ނަގައިގެން އެ ވާހަކަތައް ފަތުރަމުން އެ ދިޔައީ،" މުނާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގަދަބާރުން ގަޔަށް ފެން ޖަހައިގެން ވެސް އެއްޗެހި އަތުލެވިދާނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ދެން ދިމާވާނެ މައްސަލަތަކަކީ އަނެއްކާވެސް އެ ގޮޅިތަކުގައި ތިބި ކުދިންނަށް އިތުރު ހުކުމެއް އައުން ކަމަށެވެ.
އެހެންކަމުން ގައިދީންގެ ކަންބޮޑުވުންތައް އަޑު އެހުމަށްފަހު ނަސޭހަތް ދީފައިވާނެ ކަމަށާއި އަދި އެކަން ބަންދު މީހުންނަށް ވެސް ވިސްނިފައިވާ ކަމަށެވެ. އަދި ޖަލުގައި ހަމަނުޖެހުން ނުހިނގާތާ މިހާރު 12 ގަޑިއިރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ، ވިސްނައިދީގެން ނަސޭހަތްދީގެން އެމީހުން މިހާރު މަޑުމަޑުން ބަސް އަހައިގެން އެތިބީ. ދެތިން ހަތަރު ދުވަހަށް މިކަން ދިގުލައިގެން ދިޔަ ސަބަބަކީ އަޅުގަނޑުމެން މަސައްކަތްކުރީ ނަސޭހަތްދީގެން ބުނެދީގެން ވިސްނައިދީގެން ކަންތައްތައް ކުރަން ވެގެން. ގާނޫނީ ބާރު އަޅުގަނޑުމެންނަށް ލިބިފައި އޮތްނަމަވެސް ބާރުގެ ބޭނުން ކޮށްގެން ކަންތައްތައް ކުރުމަކީ އެހެން ގޮތެއް ނެތިގެން ނޫނިއްޔާ ކުރަން ބޭނުންވާ ކަމެއް ނޫން،" މުނާޒު ވިދާޅުވިއެވެ.