ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަޑިއަށް ދިޔަ ޑިންގީ ނަގައިފިއެވެ.
އަޑިއަށް ދިޔަ ޑިންގީ ނަގާފައިވަނީ ބ. ދޮންފަނުގެ ހުޅަނގުން 0.5 ނޯޓިކަލް މޭލު ބޭރު 46 މީޓަރު އަޑިންނެވެ. އަދި ޑިންގީ މިހާރުވަނީ ބ.ދަރަވަންދޫ އަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7:07 ހާއިރު ބ. ދޮންފަނު ކައިރިން ބ. އޭދަފުށީ ލޯންޗަކާއި އެއަތޮޅު ދަރަވަންދޫން ފުރައިގެން ދަތުރުކުރަމުންދިޔަ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓަކަށްފަހު ޑިންގީ އަޑިއަށް ގޮސްފައިވާއިރު، އޭގެން ދަތުރުކުރި ބ. އޭދަފުށީ، މުސްތަރީގެ ނަސްރުﷲ އަބްދުﷲ، 41 އ. ވަނީ ގެއްލިފައެވެ.
އޭނާ ހޯދުމަށް އެމްއެންޑީއެފް ޑައިވަރުން އިއްޔެ ވެސް ޑައިވްކުރިއިރު، އޭނާއާ ގުޅުންހުރި އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފުން މީގެ ކުރިން ބުނީ، އެކްސިޑެންޓު ހިނގި ސަރަހައްދު ކަމުގައި ބޮޑަށް ލަފާކުރެވެނީ ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް ކައިރިން ކަމަށެވެ. ނަމަވެސް ނަސްރު ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވަނީ ވެއްޓުނީ ސީދާ އެ ސަރަހައްދަކަށް ކަމެއް ނޭނގޭތީ ކަމަށް ބުނެފައިވެއެވެ.