ޚަބަރު

ރައީސް ޔާމީނާއި އެހެން ގައިދީންގެ ރައްކާތެރިކަން ވެސް ކަށަވަރު ކުރާނަން: މުނާޒު

މާފުށީ ޖަލުގައި ހަމަނުޖެން ހިންގަމުންދަނީ ކުޑަ ޔުނިޓެއްގައި ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ގައިދީއެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ނެތް ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.

މުނާޒު މިހެން ވިދާޅުވީ، މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޣާޒީ ބިލްޑިންގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ޖަވާބު ދެއްވަމުންނެވެ.

މުނާޒު ވިދާޅުވީ، ކަމެއް ހިނގައިގެން އުޅެނީ މުޅި ޖަލުގައި ނޫން ކަމަށާއި ހަމަނުޖެހުން ހިންގަމުންދަނީ ކުޑަ ޔުނިޓެއްގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ސަތޭކަ ޕަސެންޓް ޔަގީން ކަމަށް ވިދާޅުވިއެވެ.

"ސަތޭކަ ޕަސެންޓް ޔަގީން ޔާމީން އެކަންޏެއް ނޫން ދެން ތިބި ހުރިހާ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަން އިރާދަކުރެއްވިއްޔާ ކަށަވަރު،" މީޑިއާއަށް އެންމެ ފުރުސަތެއް ދީގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި މުނާޒު ވިދާޅުވިއެވެ.

މުނާޒު ވިދާޅުވީ، މިމަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލުގައި ހަމަނުޖެހުން ފެށުނީ ރިމާންޑުގައި ތިބި މީހުން، ޖަލު އޮފިސަރުންނާ ދިމާލަށް ދިލަ ނަގާޒާތުގެ ފެނާއި މިރުސް ޖެހި ހިސާބުން ކަމަށެވެ.

ނަމަވެސް އެ އެއްޗެހި އަތުނުލައި ފުރަތަމަ ފެށީ އެމީހުން އެކަންކުރީ އޮފިސަރުންގެ ފަރާތުން ކަމެއް ހިނގައިގެންތޯ ބެލުމުގެ މަސައްކަތް ކަމަށާއި އެގޮތުން އޮފިސަރުންގެ ފަރާތުން އިތުރު ކަމެއް ހިނގައިގެން ނޫންކަން ކަށަވަރުވި ކަމަށް މުނާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އޮފިސަރުންގެ ފަރާތުން އިތުރުކަމެއް ހިނގައި ގެނެއް ނޫނޭ މި އުޅެނީކީ. ހަމަ ކުއްލިއަކަށް ކޮންމެސް ކަމަކާ ގުޅިގެން ކަމެއް ކުރަން ބޭނުންވެގެން ކަމެއް ފަށައިގެން އުޅެނީ ކަން. އެހެންވީމަ އަޅުގަނޑުމެން އަޑުއަހަން ބޭނުންވީ ކޮބައިތޯ ބަންދު މީހުންގެ ޝަކުވާތަކަކީ. ކީއްވެގެންތޯ މިކަމެއް ފަށައިގެން މި އުޅެނީ،" މުނާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރިމާންޑު ބަންދުގައި ތިބި މީހުންގެ މައިގަނޑު ދެ ޝަކުވާއެއް އެބައޮތް ކަމަށެވެ. އެއީ ބޭސްފަރުވާ ކޮށްދިނުމުގައި ލަސްވާ މައްސަލަ އާއި ހުކުމެއް ނައިސް ގިނަ ދުވަސް ވަންދެން ޖަލުގައި ބަންދުކޮށްފައި ހުރުމުގެ ޝަކުވާ ކަމަށެވެ.

އެގޮތުން ދެވަނަ ފިޔަވަޅެއްގެ ގޮތުގައި ބޭސްފަރުވާ ކުރުމުގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ހިނގަމުންދާ ކަމާއި އެކަމުގައި ހުރި ގޮންޖެހުންތަކުގެ އިތުރުން ހުކުމެއް ނައިސް ތިބި މީހުންގެ ކަންތައް އަވަސް ކުރުމަށް ސަރުކާރުން ކުރަމުންދާ ކަންތައް ވެސް އެމީހުން ބުނެދީ ވިސްނައިދޭން މަސައްކަތް ކޮށްފައިވާނެ ކަމަށް މުނާޒު ވިދާޅުވިއެވެ.

"ދެތިން ހަތަރު ދުވަހަށް މިކަން ދިގުލައިގެން ދިޔަ ސަބަބަކީ އަޅުގަނޑުމެން މަސައްކަތްކުރީ ނަސޭހަތްދީގެން ބުނެދީގެން ވިސްނައިދީގެން ކަންތައްތައް ކުރަން ވެގެން. ގާނޫނީ ބާރު އަޅުގަނޑުމެންނަށް ލިބިފައި އޮތްނަމަވެސް ބާރުގެ ބޭނުން ކޮށްގެން ކަންތައްތައް ކުރުމަކީ އެހެން ގޮތެއް ނެތިގެން ނޫނިއްޔާ ކުރަން ބޭނުންވާ ކަމެއް ނޫން،" މުނާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގަދަބާރުން ވެސް ކަންކަން ކުރެވިދާނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން އެ ގޮޅިތަކުގައި ތިބި ކުދިންނަށް އިތުރު ހުކުމެއް އައުމާއި ރެކޯޑް ފައިލަށް އިތުރު މައްސަލަތަކެއް އަންނާނެ ކަމަށެވެ. އަދި އެއީ ކަރެކްޝަންސް އިން ބޭނުންވާ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ އެކުދިންނަށް މިހާރު އެތިބީ ވިސްނިފައި. ވަރަށް މަދު ކުއްޖަކު ނޫނިއްޔާ ގަބޫލުކުރޭ އަޅުގަނޑުމެން ކަންތައްތަކެއް އެބަ ކުރާކަން. ޖަލުގެ ކަންތައްތައް ރަނގަޅު ކުރަންކަން މިކަންތައްތައް ކުރަނީވެސް. މިހާރު ދެން އެކަންކަމެއް ނުހިނގާނެ،" މުނާޒު ވިދާޅުވިއެވެ.