ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަޑުއްވަރިންނެވެ. ނަމަވެސް އެމީހުންގެ ބަންދުގެ މުއްދަތު ޖެހި ކަމެއް ފުލުހުން އަދި ނުބުނެއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެދުވަހު ވެސް ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
މަޑުއްވަރީގައި ހިންގަމުންދާ އޮޕަރޭޝަނަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހަރުކަށި ފިކުރުތަށް ތަބާވެ، ޖަމާއަތުން ވަކިވެ، ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކަށް މީހުން އަހުކުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމަށް އެރަށުގައި ހިންގާ ހަރަކާތްތައް ހުއްޓުވައި، އެފަދަ މީހުން ހައްޔަރުކުރުމަށް ހިންގާ އޮޕަރޭޝަނަކެވެ.
އެގޮތުން އޮޕަރޭޝަންގައި ފާސްކުރި ގެތަކުގައި އުޅޭ ކުޑަކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކުރެވިފައިވާކަން ފާހަގަކުރެވުނުއިރު، އެ އޮޕަރޭޝަންގައި ހަރުކަށި ފިކުރާއި ގުޅުންހުރި އަދި ހެކީގެ ގޮތުގައި ބެލެވޭ ވަރަށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓްތަކެއް ފުލުހުން ވަނީ ހޯދައިފައެވެ.