ޚަބަރު

އެއާޕޯޓް ބޮޑުކުރަން ހުއްދަ ނުދިން މައްސަލަ އިސްތިއުނާފު ކުރުމުން މިނިސްޓަރު މާފަރަށް ވަޑައިގެންފި

ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުއަށް ހުއްދަ ނުދޭން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމުމުން އެކަން ޕްލޭނިން މިނިސްޓްރީން އިސްތިއުނާފަށް ހުށަަހަޅާފައިވާތީ، މައްސަލަ ދިރާސާކުރެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މާފަރަށް ވަޑައިގެން މައްސަލަ ދިރާސާ ކުރައްވައިފިއެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުއްދަ ނުދޭން އީޕީއޭ އިން ނިންމީ އެ މަޝްރޫއުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީން ޖެހިގެން އައި ދުވަހު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ޕްލޭނިން މިނިސްޓްރީން އީޕީއޭގެ ނިންމުން އިސްތިއުނާފު ކުރުމުން ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ބަލަންޖެހޭ ކަންކަން ވީހާވެސް ގާތުން ބެލުމަށް، މިނިސްޓަރު ޑރ. ހުސެއިން އާއި އެ މިނިސްޓްރީގެ ޓީމެއް އިއްޔެ މާފަރަށް ޒިޔާރަތްކުރެއްވި ކަމަށެވެ.

އެ ދަތުރުގައި ރަށު ކައުންސިލާއި ރަށު ރައްޔިތުންނާއި ބައްދަލުކޮށް މަޝްރޫއުގެ މައުލޫމާތު ވަނީ އޮޅުން ފިލުއްވައިފައެވެ. އެ ދަތުރަށްފަހު މިނިސްޓަރު ޑރ. ހުސެއިން މިހާރު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.

އެންވަޔަރަމަަންޓް މިނިސްޓްރީން ބުނީ، މާފަރަށް ކުރެއްވި ޒިޔާރަތަށްފަހު އެ މިނިސްޓްރީގެ ފަންނީ ރިޕޯޓެއް ތައްޔާރުކޮށް އެންވަޔަރަމަންޓް މިނިސްޓަރު އެކަމުގައި ނިންމެވި ގޮތް އީޕީއޭއަށް އަންގާނެ ކަމަށެވެ. އަދި މިނިސްޓަރު އެކަމުގައި ނިންމަވާގޮތް ތަންފީޒުކޮށްދެއްވާނީ އީޕީއޭއިން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާގުޅޭ ގަވާއިދުގައިވާގޮތުން އިސްތިއުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިއުނާފާމެދު މިނިސްޓަރު ނިންމި ގޮތް ލިޔުމަކުން އިސްތިއުނާފު ކުރި ފަރާތަށް އަންގަންޖެހެއެވެ.