މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް ނިންމައިފިއެވެ.
މީގެ ކުރިން މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި އެ ޖަލްސާ ބާއްވަމުންދިޔަ ނަމަވެސް، ފާއިތުވެދިޔަ ދެ އަހަރު އެ ޖަލްސާ ބާއްވާފައިވަނީ ދަރުބާރުގޭގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ވަން"އަށް ވިދާޅުވީ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަޖިލިސް ކުރާ ގޭގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ. އެހެންކަމުން އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
މަޖިލީހުގެ މިދިޔަ ދައުރު ނިންމާލާފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.