ޝަހީދާ އަބްދުﷲ ސައީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީގެ ކައުންސިލަރުންނާއި، އައްޑޫ ސިޓީ ތަމްސީލުކުރައްވާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ސޯލިހުގެެ ފުރަތަމަ ބައްދަލުކުރެއްވުން މިއަދު ރައިސް އޮފީހުގައި ބާއްވާފައިވާއިރު، އައްޑޫ ސިޓީގެ ތަރައްގީއަށް އިސްކަން ދެއްވާނެ ކަމަށް މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އައްޑޫއަށް ތަރައްގީ ގެނެސްދެއްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އާއި މަގު ހެދުމުގެ މައްސަލަ އާއި އައްޑޫ ތަރައްގީގެ ޕްލޭނާއި އަދި ބަޖެޓުގެ އިތުރުން ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
މިބައްދަލުވުމުގައި ރައީސް ވަނީ ބަޖެޓް ކޮމިޓީން މިއަދު ފާސްކުރާ ބަޖެޓުގައި އައްޑޫގެ ތަރައްގީއަށް ހިމެނޭ ކަންތަކުގެ ލިސްޓު އެމަނިކުފާނަށް އެރުވުމަށް ބަޖެޓް ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު އަރިހުން އެދިވަޑައިގަންނަވާފައެވެ.
ރައީސްގެ ފުރަތަމަ ބައްދަލުކުރެއްވުން އައްޑޫ ސިޓީގެ އިސް ބޭފުޅުންނަށް ޚާއްސަކުރެއްވި އިރު، އެމަނިކުފާނު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅަކު ނެތުމުން އައްޑޫ ރައްޔިތުން ވަނީ އެކަމާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.