ޚަބަރު

މިނިމަމް ވޭޖްއާ ގުޅޭ ރިޕޯޓު ލިބިއްޖެ، އަންނަ ހަފުތާ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނަން: ރައީސް

ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެގޮތުން އެކަމަށް ބޭނުންވާ ގާނޫނު އެކުލަވާލުމަށް ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު ކުރަމުން އަންނަ އިރު، އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ލަފާ އެރުވުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ވެސް ވަނީ އުފައްދައިފައެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ރިޕޯޓު އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހަށަހަޅުއްވާނެ ކަމަށެވެ.

"ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އަޅުގަނޑަށް ލިބިއްޖެ. ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނަން." ރައީސްގެ ޓުވީޓުގައި ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކަންތައް މިއަހަރުގެ ކުރީކޮޅު ނިމޭނެއެވެ. އަދި އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ އެހީތެރިކަމާއެކު އެކަމާ ގުޅޭގޮތުން ދިރާސާ ކުރަމުން އަންނައިރު އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅަން ރަނގަޅީ މުޅި ރާއްޖެއަށް އެއް މިންގަނޑަކުންތޯ ނުވަތަ އެކި ދާއިރާތަކަށް ތަފާތުކުރުން ރަނގަޅުތޯ ބެލުން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.