ޚަބަރު

ސަލްމާން މިސްކިތް ވަރަށް ފުރިހަމަ، މަސައްކަތް މިމަހު ނިމޭނެ

މުހައްމަދު އައުޒަމް

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭ އިރުމަތީފަރާތުގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ނިމުމާ ގާތްވެފައިވާއިރު މިއީ ރާއްޖޭގައި ބިނާކުރެވޭ އެންމެ ހިތްގައިމު އެއް މިސްކިތަށް ވެގެން ދާނެއެވެ.

އެގޮތުން ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރިއަށްދާގޮތް މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލައިފައެވެ. ޖުމްލަ ފަސް ފަންގިފިލާ އަށް އިމާރާތް ކޮށްފައިވާ މި މިސްކިތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ނޫސްވެރިންނަށް މައުލޫމާތުދެމުން ޕްރޮޖެކްޓް އިންޖީނިއާ ހަސަން ސާމީ ވިދާޅުވީ، މިސްކިތުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތާއި މިސްކިތް ހަވާލުކުރުމުގެ ކުރިން ހަދަންޖެހޭ ހުރިހާ ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެ ހުރިހާ މަސައްކަތެއް ނިމި މި މަސްތެރޭގައި އިސްލާމިކް މިނިސްޓްރީއާ މިސްކިތް ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސްކިތް ޑިޒައިނަށް ބަލާއިރު އެންމެ ތިރީގައި ހަދާފައިވަނީ މިސްކިތަށް ބޭނުންވާ ޓެކްނިކަލް ރޫމްތަކާއި ވުޟޫ ކުރާ އިސްކުރު ބަރިތަކެވެ. އަދި ރިސެޕްޝަނެއް ވެސް ހުރެއެވެ.

މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ނަމާދު ކުރުމަށެވެ. އެގޮތުން ފުރަތަމަ ފަންގި ފިލާ ފިރިހެނުންނަށް ހާއްސަކޮށްފައިވާއިރު ދެވަނަ ފަންގިފިލާ ވަނީ އަންހެނުންނަށް ހާއްސަކޮށްފަ ކަމަށެވެ. ސާމީ ވިދާޅުވީ، ދެ ފަންގިފިލާގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައެއް އޮތްނަމަވެސް މިސްކިތުގެ ގްރައުންޑާއެކު ޖުމްލަ 10000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތް އިމާރާތްކޮށްފައިވަނީ އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށެވެ. އެގޮތުން މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި 300 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހިމެނެއެވެ. އަދި އޮފީސް ޖާގައިގެ އިތުރުން ކުލާސް ރޫމްތަކެއް އެ ފަންގިފިލާގައި ހުރެއެވެ. މިސްކިތުގެ ހަތަރުވަނަ ފަންގިފިލާގައި ވެސް އޮޑިޓޯރިއަމްއަށް ވަދެވޭ ލޮބީއޭރިއާއެއް ހުރެއެވެ.

މިސްކިތުގެ އެންމެ މަތީ ފަންގިފިލާގައި ހަދާފައިވަނީ އިވެންޓުތައް ބޭއްވުމަށް ހާއްސަ މަލްޓި ޕާޕަސް ހޯލެކެވެ. މިސްކިތް ފަސް ފަންގިފިލާއަށް ހަދާފައި ހުރި ނަމަވެސް އަރާ ފޭބުމަށް ލިފްޓު ހަރުކޮށްފައި ހުރެއެވެ. އަދި މިސްކިތަށް އަންނަ މީހުންނަށް ވެހިކަލް ޕާކު ކުރެވޭނެ ގޮތަށް މިސްކިތުގެ ދެފަރާތުގައި ކާރާއި ސައިކަލް ޕާކިން ހެދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.