އެހެން ދީންތަކެއްގެ މައުލޫމާތު ހިމެނޭ ދެ ފޮތެއް ދޫކުރެވުނީ އޮޅުމަކުން ކަމަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުން ބުނެފިއެވެ.
އަހުމަދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އަހުމަދު ރަޝީދު މިއަދު "ވަން" އަށް ވިދާޅުވީ މައްސަލަ ދިމާވެގެން އުޅެނީ އެ ސުކޫލުން ކުދިންނަށް ދޫކުރި 12 ފޮތުގެ ސެޓެއްގައި ހިމެނޭ އިނގިރޭސި މާއްދާގެ ދެ ފޮތެއްގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެ ދެ ފޮތުގެ ދެ ގަނޑެއްގައި ކުރިސްމަސް ލަވަ އާއި އިންޑިއާގެ ދީނާއި ސަގާފަތާ ގުޅޭ މައުލޫމާތު ހިމެނެއެވެ.
އަހުމަދިއްޔާ ސުކޫލުން ބުނީ، އެ ފޮތްތަކަކީ ބެލެނިވެރިންނަށް ދޫކުރުމުގެ ކުރިން އެ ފޮތުގައި ހުރި ރާއްޖެ އާއި ނުގުޅޭ ބައިތައް ހުރި ސަފުހާތައް ނަގައި އޭގެ ބަދަލުގައި ދިވެހި ގައުމީ ސަލާމާއި ދިވެހި ދިދަ އާއި ރާއްޖޭގެ ނިޝާންގެ އިތުރުން ދިވެހި ސަގާފަތް ދައްކުވައިދޭ ތަސްވީރުތައް ހިމެނޭ ސަފުހާތަކެއް، އެ ސަފުހާތަކުގެ ބަދަލުގައި ހިމަނައިގެން ދޫކުރެވޭ ފޮަަތްތަކެއް ކަމަށެވެ.
ނަމަވެސް ފޮތްތައް ދޫކުރުމުގައި އެފޮތްތަކުގެ ސަފުހާތައް ބަދަލުނުކޮށް ހުރި ފޮތްތަކެއް ދޫކުރެވިފައިވާތީ މިހާރު އެފޮތްތައް އަނބުރާ ސުކޫލާ ހަވާލުކުރަން އަންގާފައިވާ ކަމަށް އަހުމަދިއްޔާ ސުކޫލުން ބުނެއެވެ.
އެ ސުކޫލުން ބުނީ އެފޮތްތަކަކީ އެޑިއުކޭޝަން މިނިސްޓްރީން އަދި އިންޑިއާގެ ސަރުކާރުން ދިން ފޮތްތަކެއް ނޫން ކަމަށާއި އެއީ އިންޑިއާގެ ކެމްބުރިޖު ޔުނިވާސިޓީ ޕްރެސްއާ ގުޅިގެން ރާއްޖެ ގެނެސް މިދިޔަ އަހަރުން ފެށިގެން ބޭނުން ކުރަމުންގެންދާ ފޮތްތަކެއް ކަމަށް ވެސް އަހުމަދިއްޔާ ސުކޫލުން ބުނެއެވެ.
"މިކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދައުރެއް އަދި އިންޑިއާ ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ ވާހަކަ ދަންނަވައި، އަދި ހަމަ އެހެންމެ، މިކަން މިގޮތަށް ހިނގާދިއުމުގެ ހުރިހާ ޒިންމާއެއް މިސުކޫލުން ނަގާނެ ވާހަކަ ދަންނަވައި މިކަމުގައި އަހުމަދިއްޔާގެ ބެލެނިވެރިންގެ ފަރާތުން ނިޔާހަތަށް މައާފަށް އެދެމެވެ،" އަހުމަދިއްޔާ ސުކޫލުން ނެރުނު ބަޔާނެއްގައިވެއެވެ.