ރާއްޖޭގެ ޖަލުތައް އިސްލާހުކުރުމަށް މަސައްކަތް ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ޖަލުތައް އިސްލާހުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވީއިރު އެ މަސައްކަތް އެންމެ ރަނގަޅަށް ހިންގަމުންދާތަން ނުފެންނަ ކަމަށެވެ. އަދި ޖަލުތައް އިސްލާހު ކުރުމަށްޓަކައި ޖަލު ހިންގުމަށް ގާބިލު އަދި ޕްރޮފެޝަނަލް މީހުން އިސްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އަލީ ހުސައިން މިގޮތަށް ޓުވީޓު ކުރައްވާފައިވާއިރު، މާފުށި ޖަލުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ރިމާންޑު ބަންދު މީހުންނަށް ފުލުހުން އަނިޔާކޮށް ބާރުގެ ބޭނުން ކޮށްފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެކަމާ ގުޅޭ ފޮޓޯތަކާއި ވީޑިއޯ ވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ނަމަވެސް ކަރެކްޝަންސް އިން ވަނީ އެވާހަކަ ދޮގުކޮށްފައެވެ. ކަރެކްޝަންސް އިން ބުނީ، ރިމާންޑުގައި ތިބި މީހުންނާއި އޮފިސަރުންގެ ކުރިމަތިލުމެއް ނުހިނގާ ކަމަށާއި ރިމާންޑު މީހުން ހިތްހަމަނުޖެހިގެން އޮފިސަރުންގެ ގަޔަށް ކާބޯތަކެތި ޖެހި ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އޮފިސަރުން އަމަލު ކުރީ ކެތްތެރިކަމާއެކު އެމީހުންނަށް ވިސްނައި ދިނުމަށް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.