މާލޭ ރަސްފަންނުގައި ހަދާފައިވާ ޕެވީލިއަންގައި ހިންގަމުން އައި ރެސްޓޯރެންޓުތަކަށް އެތަން ހުސްކުރަން އަންގައި، އެތަން ބަންދުކޮށްފިއެވެ.
ރަސްފަންނު މޫދަށްވާ ގޮތަށް ތިން ބުރިއަށް ހަދާފައިވާ ޕެވީލިއަން އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިން 41.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި ތަނެކެވެ.
ޕެވީލިއަން ބަލަހައްޓަމުން އަންނަ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް "ވަން" އަށް ވިދާޅުވީ، އެއް މަސް ދުވަސް ތެރޭގައި އެތަން ހުސްކުރުމުގެ ނޯޓިން ދިނީ މިދިޔަ މަސް ތެރޭގައި ކަމަށެވެ.
ނަމަވެސް ޝަރުއީ މަރުހަލާއެއް ކުރިއަށްދާތީ އެތަން ހުސްކުރަން ނޯޓިސް ދިން ސަބަބެއް އަދި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.
ޕެވީލިއަން ހުސްކުރަން އެންގިއިރު އެތަނުގައި ތިން ރެސްޓޯރެންޓެއް ހިންގަމުންދިޔައެވެ. އެއީ ގްލޯރިއާ ޖީންސް، ޗިކިން އަދި މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ހުޅުވި މޯޓީ މަހަލްއެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެތަންތަން ވަނީ ބަންދުކޮށްފައެވެ.