މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފުރަތަމަ އަހަރުގެ ދަތުރުތަކަށް ހަރަދުވީ 2.8 މިލިއަން ރުފިޔާ ކަމަށާއި ބޭރުގެ ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނީ، މިނިސްޓަރު ޝާހިދުގެ ދަތުރުތަކުގެ ތަފްސީލު ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، އަމިއްލަ ފަރާތަކުން އެދުމާ ގުޅިގެން އެ މައުލޫމާތު އެފަރާތަށް ހިއްސާކުރުމަށް ދިން ޖަވާބުގަ އެވެ. އެ ފަރާތުން އެދިފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިދިޔަ ނޮވެމްބަރުގެ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި ދަތުރުތަކުގެ ތަފްސީލަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، 2018 ނޮވެމްބަރު 17 އިން އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މިނިސްޓަރު ޝާހިދު ރަސްމީ ދެ ދަތުރެއް ކުރައްވާފައި ވާއިރު، އެ ދެ ދަތުރުގެ ޖުމުލަ ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 194،590.40 ރުފިޔާ ކަމަށެވެ. އަދި 2019 ވަނަ އަހަރު ޖެނުއަރީ އެކަކުން ނޮވެމްބަރު 17ގެ ނިޔަލަށް މިނިސްޓަރު ޝާހިދު ކުރެއްވި 18 ދަތުރަށް ޖުމުލަ 2،646،289.14 ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ޝާހިދުގެ މިދަތުރުތަކަކީ އެކިއެކި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލުކުރެއްވުމަށް އެ ގައުމުތަކަށް ކުރެއްވި ދަތުރުތަކަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބައެއް ގައުމުތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުތަކެއް ކަމަށެވެ.
މިނިސްޓަރު ޝާހިދުގެ މި ދަތުރުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައާއި ދިވެހިރާއްޖެއާއި އޮންނަ ގުޅުން ބަދަހިވެ، ދޭދޭ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ހައްގު މަގާމު ހޯދާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި ގުޅުންތަކާއެކު، އެމުއްދަތުގެ ތެރޭގައި ހެޔޮއެދޭ ބައެއް ގައުމުތަކުން، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު 2019 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާކަން ފޮރިން މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ. ހަމައެއާއެކު އަބޫދާބީން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ ފޮރިން މިނިސްޓަރު ޝާހިދު އެދުވަހުގެ އިރު އޮއްސުނު ވަގުތު ފޯނުން ގުޅުއްވައި، ދެންނެވި ވާހަކަވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެރޭ ފާހަގަކުރެއްވިކަން ފޮރިން މިނިސްޓްރީން ފާހަގަ ކުރެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދަތުރުތަކަށް ގިނަ ހަރަދުތަކެއް ކުރައްވާ ކަމަށާއި އޭގެން އެއްވެސް ނަތީޖާއެއްވެސް ނުނިކުންނަ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެ ދަތުރުތަކަށް 27 މިލިއަން ރުފިޔާ ހޭދަކުރެއްވި ކަމަށް ވެސް އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.